ލައިފްސްޓައިލް

ފްލައިޓެއްގައި މީހެއްގެ ގަޔަށް ނަގުލަންދާށްޓެއް ކަށިޖަހައިފި

ފްލައިޓުން ދަތުރުކުރާ މީހުންނަށް ބައެއް ފަހަރު ވަރަށް ބިރުވެރި ތަޖުރިބާތައް ކުރަން ޖެހެ އެވެ. ހަރުފައާއި ތަތްމަކުނު އަދި މީދާ ފަދަ ތަކެތީގެ އުނދަގުލާ ވެސް ބައެއް ފަސިންޖަރުންނަށް ފްލައިޓް ތެރޭގައި ކުރިމަތިވެފައި އެބަހުއްޓެވެ.

ދާދިފަހުން އިންޑިއާގެ ނާގްޕޫރުން މުމްބައި އަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ ގަޔަށް ނަގުލަންދާށްޓެއް ކަށިޖަހާފައި ވެއެވެ. މިއީ ތެދު ވާހަކައެއްކަން އެ އެއާލައިނުން ވެސް ޔަގީން ކޮށްދީފައި ވެއެވެ.

ބޯޓު ޖެއްސިއިރު މި މީހާއަށް ފަރުވާ ދޭން މެޑިކަލް އިމަޖެންސީ ޓީމެއް ތައްޔާރަށް ތިއްބެވެ. އަދި އެމީހުން ބޯޓަށް އަރައި އެމީހާއަށް ފަރުވާ ދިނުމަށްފަހު ގޮވައިގެން ހޮސްޕިޓަލަށް ގޮސް އިތުރު ފަރުވާ ދީފައި ވެއެވެ.

އެމީހާ މިހާރު މުޅިން ރަނގަޅުވެ ގެއަށް ދޫކޮށްލާފައިވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ހިނގި މި ހާދިސާގެ ތަފްސީލު ދިނުމަށް އެއާ އިންޑިއާ އިން ނެރުނު ބަޔާނެއްގައި އެ އެއާލައިނުން ދަތުރުކުރި ފަސިންޖަރެއްގެ ގަޔަށް ނަގުލަންދާށްޓެއް ކަށި ޖެހި ކަމަށާއި މެޑިކަލް ޓީމުން އެމީހާއަށް ފަރުވާދީ މިހާރު އޭނާގެ ހާލު ރަނގަޅުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މިކަމާ ގުޅިގެން އެއާކްރާފްޓްގެ އެތެރެ ބަލާ ޗެކްކޮށް އަދި މުޅި އެއާކްރާފްޓް ތެރެއަށް ބޭސް ޖަހާފައިވާ ކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ދޫންޏެއް އެއާކްރާފްޓެއްގެ އިންޖީނެއްގެ ތެރެއަށް ވަދެ އެ އެއާކްރާފްޓް އިމަޖެންސީ ލޭންޑިން އެއް ހަދަން ޖެހުނު ހާދިސާއެއް ހިމެނެ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާގެ ކަލީކަޓް އިން ޑުބާއީ އަށް ދަތުރުކުރި ފްލައިޓެއްގެ ކާގޯ އިން ހަރުފައެއް ފެނިފައި ވެއެވެ.

މި ހަރުފަ އޮތީ 1910 ކިލޯގެ ހިކަނދިފަތް ބަސްތާތަކެއްގެ ތެރޭގަ އެވެ.

މީދާ ފަދަ ތަކެތި ވެސް ބައެއް އެއާކްރާފްޓުން ފެނިފައި ވެއެވެ. މީދަލަކީ ކަރަންޓު ވާތައް ދަތުން ބުރި ކުރާ އެއްޗަކަށް ވާތީ އެހެނިހެން ޖަނަވާރަށް މީދަލުގެ ނުރައްކާ މާބޮޑެވެ. އެހެންކަމުން މީދަލެއް ފެނިއްޖެނަމަ ބޭސް ޖަހައި އެ ތަކެތި ނައްތާލާފައި ނޫނީ އަލުން އެއާކްރާފްޓެއް ބޭނުމެއް ނުކުރެވެ އެވެ.