އިންޑިޔާގެ ކޮލްކަތާ އިން ބެންގަލޫރޫއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގެ ފާޚާނާ ތެރޭގައި ސިނގިރޭޓް ބުއި 24 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހަފުތާގައި ހިނގި މި ހާދިސާގައި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ބެންގަލޫރޫއަށް ބޯޓު ޖެއްސުމާއެކު ފުލުހުން ބޯޓަށް އަރަ އެވެ.
ޕްރިޔަންކާ ސީ ނަމަކަށް ކިޔާ މި އަންހެންމީހާ ފާޚާނާ ތެރޭގައި ސިނގިރޭޓް ބޮނީކަމަށް ޝައްކު ކުރެވިގެން އޭނާ ކައިރީގައި ފާޚާނާ ދޮރު ހުޅުވަން ކެބިން އެތައް ފަހަރަކު އެދިފައިވާ ކަމަށް އެއާޕޯޓް ސެކިއުރިޓީ އޮފިސަރު ކޭ. ޝަންކަރް ވިދާޅުވި އެވެ.
އޭނާ ދޮރުހުޅުވިއިރު ކުނިއަޅާ އެތި ތެރޭގައި އެއްބައި ބޮއިފައި އޮތް ސިނގިރޭޓް ނިއްވާނުލާ އޮތެވެ. ސިނގިރޭޓްބުރި ފެން ޖަހާ ނިއްވާލީ ބޯޓުގައި ތިބި ކުރޫންނެވެ.
ބޯޓު ޖެއްސުމާއެކު 17އެފް ސީޓުގައި އިން މީހާ އެއާޕޯޓް ސެކިއުރިޓީއާ ހަވާލުވާން ކެޕްޓަން އެންގި އެވެ.
މަތިންދާބޯޓުގައި ސިނގިރޭޓް ބުއިމަކީ ގާނޫނީ ކުށެކެވެ. މި މީހާ ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން މިހާރު ހުރީ މިނިވަން ކޮށްފަ އެވެ.
ކޮލްކަތާ އިން ބެންގަލޫރޫއަށް މަތިންދާބޯޓުގައި ކުރާ ދަތުރެއްގެ ދިގުމިނަކީ 2.5 ގަޑިއިރެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެއާ އިންޑިއާ ފްލައިޓެއްގައި ވެސް މިފަދަ ކަމެއް ހިނގާފައި ވެއެވެ. ދިއްލީ އަށް ދަތުރުކުރަމުން ދިޔަ އެ ފްލައިޓް ތެރޭގައި ސިނގިރޭޓް ބުއީ ފިރިހެނެކެވެ.
މި މީހުން މަތިންދާބޯޓު ތެރޭ ސިނގިރޭޓް ބުއިކަން ކޯޓަށް ސާބިތުވެއްޖެނަމަ 250 ރުޕީސްގެ ޖޫރިމަނާ އަކާއި ތިން މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.