ޑރ. އަބްދުﷲ މައުސޫމް

ޅ. އަތޮޅުގައި އިތުރު ދެ ރިސޯޓު މިއަހަރު ހުޅުވަނީ

Jun 21, 2022
2

މިއަހަރު ނިމުމުގެ ކުރިން ޅ. އަތޮޅުގައި އިތުރު ދެ ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޅ. ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ސަގާފީ ޓޫރިޒަމަކީ ޅ. އަތޮޅު ހިމަނައިގެން ކުރިއަށް ގެންދެވިދާނެ ޓޫރިޒަމެއް ކަމަށެވެ.

ސަގާފީ ޓޫރިޒަމް ތަރައްގީކުރަން އެންމެ ރަނގަޅު ސަރަހައްދުތަކުގެ ތެރޭގައި ޅ. އަތޮޅު ހިމެނޭ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަކޮށް ކުރެންދޫއަށް އަޅުގަނޑުމެން މިނިސްޓްރީން ވެސް ޒިޔާރަތްކުރިން. އެތަނުގައި ހުރި އާސާރީ ޓޫރިޒަމާ ބެހޭ ކަންތައްތައް ބަލައި އެކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތެއް އަޅުގަނޑުމެން ބެލިން،" މިނިސްޓަރު ވިދާޅުވި އެވެ.

ޅ. އަތޮޅުގައި ހިންގާ ރިސޯޓްތައް

  • އެޓްމޯސްފިއާ ކަނިފުށި މޯލްޑިވްސް
  • ކޮކޫން މޯލްޑިވްސް
  • ފުށިފަރު މޯލްޑިވްސް
  • ހުރަވަޅި އައިލެންޑް ރިސޯޓު
  • ލެ މެރިޑިއަން ރިސޯޓް އެންޑް ސްޕާ

މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކްރޮސްރޯޑްގައި ބޭއްވި ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓްގައި ވެސް ރާއްޖޭގައި ސަގާފީ ޓޫރިޒަމް ފުޅާކުރަން މަޝްވަރާ ކުރެއްވި ކަމަށެވެ.

މިއަހަރު ތެރޭގައި ޖުމްލަ 10 ރިސޯޓު މުޅިން އަލަށް ހުޅުވާނެ ކަމަށް މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވެފައިވެ އެވެ. މީގެތެރެއިން ދެ ރިސޯޓު މިހާރު ވަނީ ހުޅުވާފަ އެވެ.