މުހައްމަދު ހަމީދު

ފުލުހުންގެ އަމަލުތައް ހުރި ގޮތުން ސީޕީ ކަންބޮޑުވެވަޑައިގެންފި

Jun 22, 2022
1

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިއްޔެ ހަރަކާތެއް ކުރިއަށް ދަނިކޮށް ބަޔަކު އެތަނަށް ވަދެ ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނު ގޮތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވެފައި މިވަނީ ގަލޮޅު ދަނޑު ކައިރީގައި ފުލުހުން ފޯރިމަރަމުން ދަނިކޮށް ގަދަކަމުން ބަޔަކު ގަލޮޅު ދަނޑު ތެރެއަށް ވަަދެ ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާދީ އެތަނުގައި ހުރި ބައެއް އަގުބޮޑެތި މުދާ ހަލާކުކޮށްލި މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ހަމީދު މިއަދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާގެ ހަރަކާތް ކުރިއަށް ދިޔައިރު ދަނޑު ކައިރީ ފުލުހުން ސެކިއުރިޓީ ބެލެހެއްޓި ގޮތުންނާއި ފުލުހުންގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުންގެ އެތެރޭގެ އިންޓާނަލް ރިވިއުއެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ފުލުހުންގެ އިދާރާއިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ހަމީދު އިތުރަށް ވިދާޅުވީ ފުލުހުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޔޯގާ ހަރަކާތަށް ހުރަސްއެޅި މީހުން ވީހާވެސް އަވަހަށް ހޯދައި އެމީހުންނަށް ފިޔަވަޅު އެޅުމަށް ކަމަށެވެ. ފުލުހުންގެ އޮޕަރޭޝަންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޯގާ ހަރަކާތް ހުއްޓުވި މީހުން ބޭނުންކުރި އާލާތްތައް ދޫކުރީ ޕީޕީއެމްގެ އޮފީހުން ކަމަށް އެނގިފައިވާ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެ ބައްދަލުވުމުގައި ވަނީ ގަލޮޅު ދަނޑުގައި ހިނގާދިޔަ ހަމަނުޖެހުންތައް ކުށްވެރިކޮށް އެ އަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް ވެސް އެކުލަވާލާފަ އެވެ.