މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.
މި ޕްރޮގްރާމުގެ ދަށުން 14 ދާއިރާ އަކުން އެޕްރެންޓިސްޝިޕްގެ ފުރުސަތުތައް ހުޅުވާލައި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.
އާރްޑީސީން ތަމްރީން ކުރާ 65 މީހުންނަށް ޕްރޮގްރާމުގެ މުއްދަތުގެ ތެރޭގައި އެލަވަންސެއް ވެސް ދިނުމަށް ނިންމާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މަގްސަދަކީ ކޮވިޑް 19އާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ މީހުންނަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް ނިކުންނައިރު ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިއްމު މަގުސަދު ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް އިކޮނަމިކް މިނިސްޓްރީން މީގެކުރިން ވެސް ބައެއް ކުންފުނިތަކާ އެކު އެމްއޯޔޫގައި ސޮއިކޮށްފައިވެ އެވެ. މީގެތެރޭގައި އެޗްޑީސީއާއި އެމްޓީސީސީ ފަދަ ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ.