ދުނިޔެ

އެމެރިކާގެ ދުރުރާސްތާ ރޮކެޓްތައް ޔުކްރޭނަށް

އެމެރިކާގެ ދުރުރާސްތާ ރޮކެޓް ސިސްޓަމްތައް ލިބިއްޖެ ކަމަށް ޔުކްރޭންގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މިއީ ބާރުގަދަ ހަތިޔާރާ ނުލައި ރަޝިއާގެ މައްޗަށް ކުރި ނުހޯދޭނެ ކަމަށް ޔުކްރޭނުން ބުނަމުން ދަނިކޮށް އެމެރިކާއިން ސަޕްލައި ކުރި ބާރުގަދަ ރޮކެޓް ތަކެކެވެ.

ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔުކްރޭންގެ އިރުމަތީ އަވަށްތައް ހިފައި، ޔުކްރޭންގެ ސިފައިން ބަލިކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އޮލެސްކީ ރެޒްނިކޯފް ވަނީ ވިދާޅުވެފަ އެވެ. މޮސްކޯގެ މައިގަނޑު އަމާޒަކީ ދޮންބާސް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ރޮކެޓްތައް ލިބުމުގެ އުފަލުގައި ޔުކްރޭންގެ ޑިފެންސް މިނިސްޓަރު ޓްވީޓް ކުރައްވައި ވިދާޅުވީ މި އަހަރުގެ ހޫނު މޫސުން ރަޝިއާ ސިފައިންނަށް ވަރަށް ހޫނުވާނެ ކަމަށާއި ހޫނުގަދަވުމުގެ ސަބަބުން ދުވެ ފިލުމަކީ ވެސް އެކަނީގެންވާ ކަމެއް ކަމަށެވެ.

އެމެރިކާއިން ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ދިނުމުގައި މިފަހަކާ ޖެހެންދެން ވެސް ވަކި ގޮތެއް ނުނިންމަ އެވެ. މައިގަނޑު ސަބަބަކީ ފޯރުކޮށްދެވޭ ހަތިޔާރުގެ ސަބަބުން ރަޝިއާގެ ހަމަލާތައް އިހުނަށް ވުރެ ވަރުގަދަކޮށްފާނެތީ އެވެ.

ދުރުރާސްތާ ރޮކެޓް ނިޒާމުތައް ޔުކްރޭނަށް ފޯރުކޮށް ދިނުމުގައި ވެސް އޮތް ޝަރުތަކީ ރަޝިއާގެ އެއްވެސް ސަރަހައްދަކަށް ހަމަލާއެއް ނުދިނުމެވެ.

އެމެރިކާ ފޯރުކޮށްދޭ ހަތިޔާރަކުން ރަޝިއާއަށް ކަންޏެއް ބުރި ނަމަވެސް ރަޝިއާއިން ދީފާނެ ރައްދު ހަމަލާއަށް އެމެރިކާ އޮތީ ބިރުންނެވެ.

ދުރުރާސްތާ ބާރުގަދަ ހަތިޔާރު ޔުކްރޭނަށް ދީފި ނަމަ މީގެ ކުރިން ހަމަލާ ނުދޭ ތަންތަނަށް ހަމަލާ ދޭނެ ކަމަށް ރަޝިއާ އޮތީ ކުރިއާލައި ބުނެފަ އެވެ. އަދި ޔުކްރޭންގެ ފަސްގަނޑަށް ހަތިޔާރު ފޯރައިފިނަމަ ނައްތާލާނެ ކަމަށާއި އެއީ ސައްހަ އަމާޒެއް ކަމަށް ބަލާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

ރަޝިއާ ބުނާ ގޮތުން ހުޅަނގުން ހަތިޔާރު ދިނުމަށް ވުރެ ހަނގުރާމަ ހުއްޓުވޭނެ ގޮތެއް އޮތް ނަމަ އެއީ މާ ރަނގަޅު ގޮތެކެވެ. އެކަމަކު ހުޅަނގުން ބޭނުންވަނީ ޔުކްރޭނަށް ހަތިޔާރު ސަޕްލައި ކުރުން ކުޅިވަރަކަށް ހަދައި ހާތަޅުވަން ކަމަށްވެސް މޮސްކޯއިން ވަނީ ބުނެފަ އެވެ.