ލައިފްސްޓައިލް

ޓޮންސިލް ސާޖަރީއެއް ނާކާމިޔާބުވެ، ބްރެޒީލްގެ ރީތީގެ ރާނީއެއް މަރުވެއްޖެ

ޓޮންސިލް ނަގަން ސާޖަރީއެއް ހަދައިގެން ދިމާވި މައްސަލަތަކެއްގެ ސަބަބުން ބްރެޒީލްގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ ގްލޭސީ ކޯރިއާ މަރުވެއްޖެ އެވެ.

މިދިޔަ އޭޕްރީލް މަހު ހެދި މި ސާޖަރީ އަކީ ވަރަށް އާދައިގެ ސާޖަރީ އެކެވެ. ނަމަވެސް ސާޖަރީ ހެދިތާ ފަސް ދުވަސްވީއިރުވެސް ލޭ މަނާ ނުވެ އެންމެ ފަހުން ގްލޭސީ ކޯމާ އަށް ދިޔައީ އެވެ. އުމުރުން 27 އަހަރުގެ ގްލޭސީ މަރުވީ ކޯމާގައި އޮންނަތާ ދެ މަސް ދުވަސް ވީ ފަހުންނެވެ.

ގްލޭސީ މަރުވުމުން މުޅި ބްރެޒީލް އެކަމުގެ ހިތާމަ ދަނީ ކުރަމުންނެވެ. ގްލޭސީ އަކީ 2018ގައި މިސް ކޮސްޓާ ޑޮ ސޮލްގެ ތާޖާއި މިސް ޔުނައިޓެޑް ކޮންޓިނެންޓްސް ބްރެޒީލްގެ ތާޖު ހާސިލުކޮށްފައިވާ ރީތީގެ ރާނީ އެކެވެ.

މިދިޔަ ހޯމަ ދުވަހު ގްލޭސީ މަރުވީ ކޯމާގައި އޮއްވާ ކިޑްނީ ފޭލްވެގެންނެވެ.

ޓޮންސިލްސް އަކީ ކަރު ތެރޭގައި އިންނަ ދެ ލިމްފް ނޯޑްސް އެކެވެ. މިއީ އަނގައިގައި ހުންނަ ބެކްޓީރިއާ ފިލްޓާ ކުރަން އެހީތެރިވެދޭ އަދި އިންފެކްޝަންތަކުން ހަށިގަނޑު ދިފާއު ކޮށްދިނުމުގެ މަސައްކަތްކުރާ ބައެކެވެ.

ޓޮންސިލްސް ނަގަނީ އެ ދުޅަވެ، ނޭވާ ލާން ދަތިވެ ނިދަން އުނދަގޫވުމާއި މާގިނަގިނައިން ކަރު ތެރޭގައި އިންފެކްޝަން އުފެދޭ މީހުންގެ އެވެ.

ޓޮންސިލްސް ނަގަން ކުރާ އޮޕަރޭޝަން ކަމަށްވާ ޓޮންސިލެކްޓަމީ އަކީ ހޭނައްތައިގެން ކުރާ އޮޕަރޭޝަނެކެވެ. މިއީ ވަރަށް އާދައިގެ ސާޖަރީއެއް ނަމަވެސް މުޅި ދުނިޔޭން މި ސާޖަރީ ހަދާ ކޮންމެ 10،000 މީހަކުން އެކަކު ނުވަތަ 40،000 މީހުންގެ ތެރެއިން އެކަކު އެވްރެޖްކޮށް މަރުވާ ކަމަށް އިނގިރޭސި ވިލާތުގެ "ދަ މިރާ"ގައިވާ މި ހަބަރުގައި ބުނެފައިވެ އެވެ.