ލައިފްސްޓައިލް

ކެއްސާވަރުން ހޮސްޕިޓަލަށް ދިޔައިރު އެތެރެހަށީގައި ހުސް ޓޭޕްވޯމް

ބްރެޒީލްގެ ހޮސްޕިޓަލަށް އެ ގައުމުގެ މީހަކު ދިޔަ އެވެ. ކެއްސާވަރުން ހަދާނެ ގޮތެއް ނޭނގިގެންނެވެ. އެމީހާ ބެލި ޑޮކްޓަރުން އޭނާގެ ޓެސްޓްތައް ހަދާ ޗެކް ކުރިއިރު ކަމަކުދާކަށް ނެތެވެ. ޓޭޕްވޯމްތައް ހަށިގަނޑު އެތެރެއަށް ބިސްއަޅައި މުޅި އެތެރެހަށި ވަނީ ހިސޯރުކޮށްފަ އެވެ.

އެމީހާ ދިޔަ ސައޮ ޕޯލޯގެ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ވިޓޯ ބޯރިން ޕީ. ޑި ސޫޒާ ވިދާޅުވީ ބަލިމީހާ އައީ އެއްގޮތަކަށް ވެސް ކެއްސުން ރަނގަޅު ނުވެގެންނެވެ. އެމީހާގެ ޓެސްޓްތަކުން އޭނާއަށް ސިސްޓައިސާކޯސިސް ކިޔާ ބައްޔެއް ޖެހިފައިވާކަން އެނގުނެވެ. މިއީ އާއްމުކޮށް ގޮހޮރުގައި އުފެދޭ ޓޭޕްވޯމް ގޮހޮރު ނޫން ހިސާބުގައި ބިސްއަޅާ މުޅި އެތެރެހަށި ހިސޯރު ކުރުމުން ޖެހޭ ބައްޔެކެވެ.

މިގޮތަށް ޓޭޕްވޯމް ހަށިގަނޑުގައި އުފެދެން މެދުވެރިވާ އެއް ސަބަބަކީ އޫރު މަސް ކެއުންކަން ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފައިވާ މައުލޫމާތުގައި ވެއެވެ.

މެޝަރިން ޓޭޕެއްގެ ބައްޓަށް ހުންނަ މި ވައްތަރުގެ ފަނި މީހެއްގެ ބަނޑު ތެރޭގައި އުފެދި ބިސްއަޅާ އިތުރުވާއިރު އެމީހާއަށް މާ ބޮޑަށް އެކަން ނޭނގިވެސް ހުރެ އެވެ. ބަނޑުގައި ރިއްސާ ބޭރަށް ހިންގުން ފަދަ އާދައިގެ ކަންކަން ދިމާވިޔަސް މިއީ ފަނީގެ ސަބަބުން ދިމާވާ ކަމެއްކަމެއް ގިނަ މީހުންނަކަށް ނުވިސްނެ އެވެ.

އިންސާނުންނަށް އާއްމުކޮށް ސިސްޓައިސާކޯސިސް ޖެހެނީ ޓޭޕް ވޯމް ބިސް ހުރި އޫރު މަސް ރަނގަޅަށް ނުކައްކާ ކެވިގެންނެވެ.

މިގޮތަށް ފަނިވުމަކީ އާއްމުކޮށް މާބޮޑު ނުރައްކަލަކާ ކުރިމަތިވާ ކަމަކަށް ނުވިޔަސް ބައެއް ފަހަރަށް ގޮހޮރުން ނުކުމެ ހަށިގަނޑުގެ އެހެން ހިސާބުތަކަށް މި ފަނި ދަތުރުކޮށް މީހުންގެ ލޮލާއި ފުއްޕާމޭ އަދި ސިކުނޑި އާއި ސްޕައިނަލް ކޯޑަށް ވެސް ދަތުރުކުރެ އެވެ.

ޑރ. ޑި ސޫޒާ ވަނީ މިފަހަރު ޓޭޕްވޯމްގެ ސަބަބުން ބަލި ހާލު ބޮޑުވި މީހާގެ އެކްސްރޭ އެއްވެސް ދައްކާލާފަ އެވެ. މި އެކްސްރޭގައި ވަރަށް ބައިވަރު ހުދު ތިކިތަކެއް ހުއްޓެވެ. އެއީ ޓޭޕްވޯމް ލާވާގެ ސަބަބުން އެމީހާގެ އެތެރެހަށީގައި އުފެދިފައިވާ ސިސްޓް ތަކެކެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މި ބަލި ޖެހެން ބޭނުން ނުވާނަމަ ކޮންމެ އެއްޗެއް ވެސް ކެއުމުގެ ކުރިން ރަނގަޅަށް ދޮންނަން ޖެހޭނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި އެވްރެޖް ގޮތެއްގައި ދުނިޔޭގެ އާބާދީގެ 2،500،000 މީހުންނަށް ކޮންމެ އަހަރަކު މި ބަލި ޖެހެ އެވެ.