ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވީ މިއަދު ހެނދުނު އެވެ. އެ ވީޑިއޯ ފުރަތަމަ އާންމުކުރީ ނޫސްވެރީން ތިބޭ ގުރޫޕެއް ގައެވެ. ފަހުން އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ ވަރަށް ބޮޑަށް ވައިރަލް ވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަވެސް މިއަދު ވަނީ ތަހުގީގު ކުރަން ފަށާފައި ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ބުންޏެވެ.
ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިވާ ކަމަށް ބުނި ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފު ކޮށެއް ނުދިނެވެ.
މިއަދު އާންމުވި ވީޑިއޯގައި ފެންނަނީ ދިވެހި ފިރިހެނަކާ ބިދޭސީ ފިރިހެނެކެވެ. މައްސަލަަައިގެ ތުހުމަތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރަށެވެ.
ނަމަވެސް ވީޑިއޯ އިން ފެންނަ ފަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ނާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމައްސަލަ މިހާރު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެނގިފައިވެ އެވެ.