އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ އެ ވީޑިއޯއިން ފެންނަ އެކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް އޭނާ މިރޭ ފުލުހަށް ހާޒިރުކޮށްފި އެވެ.
ނާޒިމް ފުލުހަށް ހާޒިރު ކުރި ސަބަބާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ނާޒިމް، ފުލުސް އިދާރާއިން ނިކުންނެވުމުން ނޫސްވެރީން ވަނީ އޭނާއާ ސުވާލު ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ވަރަށް އަވަސް އަވަހަށް ކާރަށް އަރައިގެން ވަޑައިގެންފައެވެ.
ވީޑިއޯގެ މައްސަލާގައި ފުލުހުން މިއަދު ބުނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަވެސް މިއަދު ވަނީ ތަހުގީގު ކުރަން ފަށާފައި ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ބުންޏެވެ.
ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިވާ ކަމަށް ބުނި ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފު ކޮށެއް ނުދިނެވެ.
މިއަދު އާންމުވި ވީޑިއޯގައި ފެންނަނީ ދިވެހި ފިރިހެނަކާ ބިދޭސީ ފިރިހެނެކެވެ. މައްސަލަަައިގެ ތުހުމަތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރަށެވެ.
ނަމަވެސް ވީޑިއޯ އިން ފެންނަ ފަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ނާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ.