ދުނިޔެ

މެދުއިރުމަތީގައި ނޭޓޯ ކަހަލަ ބާރެއް އޮންނަން ޖެހޭ: އަބްދުﷲ ރަސްގެފާން

މެދުއިރުމަތީގައި ނޭޓޯ ކަހަލަ އަސްކަރީ ދިފާއީ ބާރެއް އޮންނަން ފެނިވަޑައި ގަންނަވާ ކަމަށް އުރުދުންގެ އަބްދުﷲ ރަސްގެފާން ވިދާޅުވެއްޖެ އެވެ.

"މިޑްލް އީސްޓް މިލިޓަރީ އޭލިއަންސް" ވާނީ އެ މަނިކުފާން ވިދާޅުވި ގޮތުގައި ނޭޓޯއާ އެއްފަދަ އެއްބާރުލުމަކަށް ކަމަށެވެ.

އަބްދުﷲ ރަސްގެފާން ވިދާޅުވި ގޮތުގައި މިފަދަ އެއްބާރުލުމަކަށް ރަނގަޅަށް މަޝްވަރާ ކުރެވެން ޖެހެ އެވެ. އަދި ޚިޔާލާއި ފިކުރުންވެސް އެއްކަމެއް ހާސިލުކުރުމުގެ ނިޔަތް އޮންނަން ޖެހެ އެވެ.

މެދުއިރުމަތީގައި ނޭޓޯ ކަހަލަ އަސްކަރީ ޖަމާތެއް އުފައްދަން އެންމެ ފުރަތަމަ އަތް މައްޗަށް ނަންގަވާނެ ބޭފުޅަކީ އެ މަނިކުފާނު ކަމަށް ރަސްގެފާން ވިދާޅުވި އެވެ. އެހެން ގައުމުތަކުންވެސް ހިތާއި ފުރާނައިން މިކަމަށް ރުހި ބައިވެރިވުމަކީ ވަރަށް އެދެވޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ ސީއެންބީސީއާ ވާހަކަ ދައްކަވަމުން ރަސްގެފާން ވިދާޅުވީ ބައިބޯވި ވަރެއް ރަނގަޅު ކަމަށެވެ.

ރަސްގެފާން އަދި ވިދާޅުވީ ކުރަން ގަސްދުކުރަނީ ކޮން ކަމެއްކަން އެންމެންނަށް ވެސް އެނގެން ޖެހޭ ކަމަށެވެ. އަދި ހާސިލްކުރަން އެދެނީ ކޮން ކަންކަމެއްކަން ވެސް ވަރަށް ސާފުކޮށް އެނގެން ޖެހޭ ކަމަށެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިގަތުމަކީ ދުނިޔެއަށް އޮތް މިސާލެއް ކަމަށް ވިދާޅުވެ ރަސްގެފާން ވިދާޅުވި ގޮތުގައި ބާރުގަދަ ގައުމުތަކުން ނިކަމެތި ގައުމުތަކަށް ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ.

އީރާނަކީ މެދުއިރުމައްޗަށް އޮތް ވަސްވާހެއް ކަމަށް ރަސްގެފާން ވިދާޅުވި އެވެ. އަދި އީރާނުން ނިއުކްލިއާ ބާރަކަށް ވުމާއި ބެލަސްޓިކް މިސައިލްތައް ބާރުގަދަ ކުރުމަކީ ގަލްފު ގައުމުތަކަށް ބިރުބޮޑު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ގައުމެއްގެ މިޒާޖަށް އަންނަ ބަަދަލަކުން ހަތިޔާރު އުފުލައި ސަރަހައްދީ ގައުމުތަކުގެ އުމްރާނީ ތަރައްގީއަށް ގޯނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ރަސްގެފާން ވިދާޅުވި އެވެ.