މޯލްޑިވްސް ޕޮލިސް ސާވިސް

ޔޯގާ ހަމަނުޖެހުން: އިތުރު ހަތް މީހަކު ހައްޔަރު

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

އެގޮތުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރު ކޮށްފައި ވަނީ ކ. މާލެ، މ. ފަޅުމަތީގެ، އަހްމަދު އަލީ (26އ) އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުހައްމަދު ޒީޝާން ނާސީރު (30އ) އެވެ. އެމީހުންގެ ތެރެއިން އަހްމަދު އަލީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މުހައްމަދު ޒީޝާން ނާސިރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުންގެ އިތުރުން ޖޫން 24 ވަނަ ދުވަހު، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ) އާއި އއ. މާޅޮސް، ލަކީސްޓާ، އަލީ މިރުޝާދު (31އ) އާއި ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން (32އ) އާއި ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު (41އ) އަދި ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު (36އ) ވެސް ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކު ޖުމުލަ 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ޖޫން 21 ވަނަ ދުވަހު ހަ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެ ހަ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާކް، އަމީން އަހްމަދު (35އ) އެވެ.

ޖޫން 22 ވަނަ ދުވަހު ވެސް ހަ މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެ ހަ މީހުންނަކީ، ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއީލް (48އ) އާއި ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ، އަސްރަފީވިލާ، އަހްމަދު ނަސޫހް (26އ) އާއި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އަދި ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.