ބޮލީވުޑް

ސިދާރްތު އަކީ ވަރަށް ރަނގަޅު ފިރިއަކަށް ވާނެ: ވަރުން

ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ ލޯބީގެ ވާހަކަތައް އެމީހުން މީޑިއާގައި ހާމަ ނުކުރިޔަސް އެ މީހުންގެ އެކުވެރި އެކްޓަރުންނަށް މި ވާހަކަ ވަރަށް ރަނގަޅަށް އެނގެ އެވެ. އެހެންވެ ބައެއް އިންޓަވިއު ތަކުގައި އެމީހުން ނުބުނަން އުޅެނިކޮށް ވެސް ކޮންމެވެސް އެކްޓަރެއްގެ ލޯބީގެ ވާހަކަތައް އޮންނަނީ ހާމަކުރެވިފަ އެވެ.


"ޖުގް ޖުގް ޖިޔޯ"ގެ ޕްރޮމޯޝަންގައި ވަރުން ދަވަން އަށް ވެސް ކުރިމަތިވީ މި ކަހަލަ ކަމެކެވެ. އޭނާ ކުރެން ނޫސްވެރިޔަކު ސުވާލުކުރީ ސިދާރްތު މަލްހޯތުރާ އާއި އަރްޖުން ކަޕޫރާ ދެ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ކައިވެނި ކުރާނީ ކާކުތޯ އެވެ.

ޖަވާބުގައި ވަރުން ބުނީ ދެ މީހުންނަކީ ވެސް ވަރަށް ހަރުދަނާ، ތެދުވެރި އަދި ވަރަށް ރަނގަޅު ދެ މީހުން ކަމަށާއި ދެމީހުން ވެސް މިހާރު ކައިވެނިކުރަން ތައްޔާރުވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ޖުގް ޖުގް ޖިޔޯ"ގެ ބަތަލާ އަކީ ކިއާރާ ކަމަށް ވެފައި ވަރުން މި ޖަވާބު ދިންއިރު ކައިރީގައި ކިއާރާ އަޑުއަހަން އިނީތީ ވަރުންގެ ޖަވާބު ނިމެންދެން ވެސް ކިއާރާ އަކަށް މަޑަކުން ނީނދެވުނެވެ.

"އަހަންނަށް ހީވަނީ ވަރުން އަށް ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގޭހެން،" ކިއާރާ ބުންޏެވެ.

އެއާއެކު ވަރުން ބުނީ އޭނާ އަށް މިތަނުން ވެސް އެތަނުން ވެސް ހަމަލާތައް އަންނާނެކަން ޔަގީންވާ ކަމަށެވެ.

"އަހަންނަކަށް ނޭނގެ އެހެންވީމަ ބުނަންވީ އެއްޗެއް. ސިދާރްތު އާއި އަހަރެން ފިލްމީ ކެރިއަރު ފެށީ އެއް ފިލްމަކުން ކަމަށް ވާތީ އަހަންނަށް އޭނާ ވަރަށް ރަނގަޅަށް އެނގޭ. ސިދާރްތު އަކީ ވަރަށް ހަރުދަނާ މީހެއް. އަދި ވަރަށް ރަނގަޅު ފިރިއަކަށް ވާނެހެން ހީވަނީ،" ވަރުން ބުންޏެވެ.

"ޖުގް ޖުގް ޖިޔޯ"ގެ މާނައަކީ ކައިވެންޏަށްފަހު ބާއްޖަވެރި ހަޔާތަކަށް އެދި ދެމަފިރިންނަށް ބުނާ ހެޔޮ އެދުމުގެ ޖުމްލައަކަށް ވާތީ މި ފިލްމުގެ ޕްރޮމޯޝަންގައި ކިއާރާ އަށް ވެސް ކައިވެންޏާ ބެހޭ ގިނަ ސުވާލުތަކެއް ކުރިމަތިވި އެވެ.

މި ސުވާލުތަކަށް ކިއާރާ ގިނަ ފަހަރަށް ވާހަކަ އޮޅުވާލާފައި އެހެން ވާހަކައެއް ދައްކަ އެވެ. ނަމަވެސް ބައެއް ފަހަރު ނޫސްވެރިން އަހާވަރުން ކޮންމެވެސް އެއްޗެކޭ ބުނެލަން މަޖުބޫރު ވެއެވެ.

ކައިވެންޏާ ބެހޭ ގޮތުން ކިއާރާ ބުނީ ކޮންމެ މީހަކުވެސް ކައިވެނިކުރަން ޖެހޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ވަރުން ކަހަލަ މީހުން ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެނުނީމަ ވަރަށް އުފާވާ ކަމަށެވެ.