( ބުރާސްފަތި ދުވަހުގެ އަދަދާ ގުޅޭ)
މެންދުރުގެ ހޫނަށް ދޮން ކުރަމުން ދިޔަ އިރުގެ އަލިކަމުގެ ތެރެއަށް ނުކުތުމުގެ ކުރިން އަވި އައިނެއްގެ އެހީ އާލިޔާ ހޯދިއެވެ. ދެމީހުން އެކުގައި ނުކުމެގެން ދާތަން ބަލަން މިޝްކާ ހުރިއިރު ހިތުގައި ހަސަދައިގެ އަލިފާން އަނދަމުން ދިޔައެވެ. ލޯބިވާ ފިރިމީހާ އެހެން އަންހެނަކާ އެކުގައި ވާތަން ފެނުމުން ހިތުގެ ގިނި މައްޗަށް ދާން ފެށި އިހުތިޔާރުން ބޭރުގައެވެ.
ކުރިން އެއީ މިޝްކާގެ ހައްޤެކެވެ. ނަމަވެސް މިހާރު އެއީ ހަމައެކަނި މިޝަކާގެ މިހެއްނޫނެވެ. މިޝްކާއަށްޓަކައި ސައުންގެ ހިތުގައިވާ ނަފުރަތުގެ ހުޅު ނިއްވާލުމަކީ އެހާ ފަސޭހައިން ވާނެ ކަމެއްނޫނެވެ. އެކަމަށްޓަކައި މީޗްކާ އެތައްގުރުބާނީ އެއް ހިތާ ނަފުސާއި ދެކޮޅަށްވާން މިއަދު މަޖޫބޫރެވެ.
ފުރަތަމަކަމަކީ ސައުންނަށް މިޝްކާގެ ހިތް އާލިޔާއާއި މެދު ސާފުކަން ހާމަ ކުރުމެވެ. އެކަން މިއަދު ކޮންމެސް ވަރަކަށް ސައުންގެ ކުރިމަތީގައި ޑްރާމާ ކުރެވިއްޖެއެވެ.
ދެވަނައަށް އޮތީ ސައުންނާއި ގާތް ގުޅުމެއް ގާއިމު ކުރެވޭނެ މަގުތައް ކޮށާ ސާފް ކުރުމެވެ. އެކަމުގައި ކުދިންނާއި އާލިޔާގެ ބޭނުން ކުރެވިދާނެއެވެ. އާލިޔާއަކީ އިމޯޝަނަލް މީހަކަށް ވެފައި އެހެން މީހުންނަށް ޓަކައި ތިމާގެ ކޮންމެފަދަ އުފަލެއްވެސް ގުރުބާން ކޮށްފާނެ ކުއްޖެއްކަން ޚުދު މިޝްކާ އަށް އެނގެއެވެ. އެގޮތުން އާލިޔާ މެދުވެރި ކުރުވައިގެން އަމިއްލަ އިހުސާސްތައް ސައުންނާއ ހިއްޞާކުރެވި ދާނެއެވެ.
އާލިޔާއަށް ޓަކައި އެ ހިތުގައި ވަނީ ނަފުރަތެވެ. މިޝްކާ ގަބޫލު ކުރާގޮތުގައި ސައުން މިޝްކާގެ އަތުން އާލިޔާ ޖަހައި ގަތީއެވެ. ހަޤީގަތް ކޮންމެ ގޮތަކަށް ނިމިފައި ވިޔަސް އެކަން މިޝްކާ އެ ގޮތަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ.
ހެނދުނު ގެއިން ނުކުމެގެން ދިއުމަށްފަހު އާލިޔާއާއި ސައުން ގެއަށް އައީ އިރުއޮއްސެން އުޅެނިކޮށެވެ. ދެމީހުންގެ އަތް ފުރިފައި ވަނީ ބާޒާރުން ގަނެގެން ގެނައި ތަކެތިން ނެވެ. ގެއަށް ވަނުމުގެ ކުރިން މިޝްކާއަށް މި މަންޒަރު ވަނީ ފެނިފައެވެ. އަދި އެހާ ބައިވަރު އެއްޗެހި ގަނެގެން އައުމުން މިޝްކާގެ ހިތުގައި ވަރަށް ގިނަ ސުވާލު އުފެދެމުން ދިޔައެވެ. އެސުވާލު ތަކުގެ ޖަވާބު ހޯދަން މިޝްކާ ހުރީ ނުހަނު ބޭނުން ވެފައެވެ.
ގެއަށް ވަނުމާ އެކު ކުޑަމީހާ ސައުންގެ ފަހަތުން ދުއްވައި ގަތެވެ. އަދި "ބައްޕާ ޗޮކުލެޓް" ޗޮކުލެޓޭ ކިޔަމުން އައިސް ގައިގައި އޮޅުލައިގަތެވެ. އެންމެ ފަހުން ސައުންނަށް މަޖުބޫރުވީ ގެނައި ކޮތަޅުތައް އާލިޔާ އާއި ހަވާލު ކުރުމަށް ފަހު ދަރިފުޅު ހިތް ހަމަޖައްސައިދޭން އޭނާ ގޮވައިގެން ބޭރަށް ދުއްވާލަން ދާށެވެ.
ސައުން ގޭގައި ހުރެއްޖެ ނަމަ ދެކުދިން ވެސް ތިބޭނީ ސައުންގެ ކައިރީގައެވެ. ސައިކަލު ދުއްވާ ނިމުމުން އެނބުރިއައެވެ. މަންމަ ކައިރިއަށް ދާށޭ ބުނުމުން ބުނީ މިރޭ ނިދާނީ ބައްޕަ ކޮޓަރީގައި ކަމުގައެވެ.
ދަރިފުޅުގެ ނިންކުރީގައި ބޮސްދެމުން ބައްޕަ ކޮޓަރީގައި ޖާގައެއް ނެތޭ ބުނީ ހެވިފައި ހުރެގެންނެވެ. އެންމެ ފަހުން ކުޑަ މީހަޔާއެކު އާލިޔާ ކައިރިއަށް ކޮޓަރިއަށް ދިޔައެވެ. އާލިޔާ ފެނުމުން ސައުން ދޫކޮށްލުމަށް ފަހު އާލިޔާގެ ގައިގައި ބެއްދިއެވެ. "ދެން ދައްތަ ނުދާތީ ކޮއްކޮ ބޭނުން ދައްތަ ކައިރީ ނިދަން އޮންނަށް'' ސައުން އެތައް ބަހަނާއެއް ދައްކައިގެން ވެސް ދަރިފުޅު އެ ކޮޓަރިން ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
އާލިޔާއާއި އެކުގައި ހުސް ވަގުތު ކޮޅެއް ހޭދަ ކުރަން ސައުން ހުރީ ބޭނުން ވެފައެވެ. ނަމަވެސް ދަރިފުޅުގެ އެދުމާއި ޚިލާފަށް ހިތުގައި ޖައްސައިގެން އެއްވެސް އުފަލެއް ހޯދާހާ ހިތްވަރެއް ސައުންގެ ނެތެވެ. ހަގީގަތުގައި އާލިޔާ ވެސް ހުރި ދެމީހުން އެކަނިވެލަން ބޭނުން ވެފައެވެ. ސައުންގެ ކުރިމަތީގައި އިސްވެ ބަސްކިޔާ ކަމެއް ހާމަކުރާހާ ހިތްވަރެއް އަދި އާލިޔާގެ ކިބައިގައި ނެތެވެ. ވުމާއެކު ހިތުގެ ގޮވުމުގެ ކުރިމަތީގައި އިސްޖަހާލަން ޖެހުނީއެވެ.
އަލަތު ކައިވެނީގެ ކުރީކޮޅުގައި ހިތް ނުތަނަވަސްވެ، އެތައް އުދާހެއް އުފުލަން މަޖުބޫރުވީއެވެ. ސައުންގެ ކިބައިން ލިބުން އެދޭ އުފާތަކަކަށް ހުރަސްތައް ކުރިމަތި ވަމުން ދަނީއެވެ. ހިތުގެ ވޭނާއި ޖަޒުބާތު ތަކަށް ލުޔެއް ނުލިބުނެވެ. ދެމީހުންގެ ލޮލުން ބަދަލުވަމުން ދިޔަ އިޝާރާތް ތަކާއި މެސެޖުތަކުގައި ވަނީ ރިހުމެވެ. ވޭނެވެ. ކެތްތެރިކަން ކޮޅުންލާ ފަދަ އިހުސާސްތަކެވެ. އެންމެ ފަހުން ދެމީހުން ނިދަން ޖެހުނީ ކުޑަމީހާ މެދުގައި ބާއްވައި ގެންނެވެ. ހިތާއި ސިކުނޑި އުދާސްވެ ދޮންވެފައިވާ ހާލުގައެވެ.
ހެނދުނު ތެދުވި ގޮތަށް ފުރުމުގެ އެންމެހާ ތައްޔާރީތައް ކުރުމުގައި އާލިޔާ އަތް މަތި ހަލުވި ކޮށްލައިފައި އުޅުނެވެ. ސައުން ދިޔައީ އޮފީހަށެވެ. އޮފީހުގެ ބައެއް ކަންތައްތަކާއި ބެހޭގޮތުން މުއައްޒަފުންނާއި ބައްދަލު ކޮށްލައި ރަށުން ބޭރަށް ދާން ޖެހޭތީ ނިންމަން ހުރި ބައެއް ކަންތައްތައް ނިންމާލުމަށެވެ.
އާލިޔާ ކޮޓަރީގައި ދަތުރުގެ ކަންތައް ތަކުގައި ބިޒި ވަމުން ދިޔައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާތީ ބަލާލިއެވެ. މިޝްކާ ހެޔޮވަރު ވަރަކަށް ހެވިފައި ހުރެގެން ކޮޓަރިއަށް އައިސްވަނެވެ. ކޮޓަރިތެރެ އޮތް ގޮތުން މިޝްކާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް ބައެއް ޖަވާބު ލިބެމުން ދިޔައެވެ. އިތުރަށް ޔަޤީން ކުރުމުގެ ބޭނުމުގައި އާލިޔާއާއި އިސްވެ ވާހަކަ ދައްކަން ފެށިއެވެ.
މިޝްކާ: ހާދަ އެއްޗެއް ކޮންތަނަކަށް ބަދަލުވާން ތިޔަ އުޅެނީ އަހަރެން އުޅެތީ މިގޭގައި ނޫޅެން ގެއަށް ބަދަލު ވަނީތަ؟ އަހަރެން ނަމަވެސް ހިތް ހަމައެއް ނުޖެހޭނެ އިތުރު މީހަކާއި އެކުގައި އުޅޭކަށް.
އާލިޔާ : ނޫން! އަހަރެން ނޫޅެން މިޝްކާ މިގޭގައި އިންނާތީ މިގޭގައި ނޫޅޭކަށް މިޝްކާގެ ކުދިންނާއި އެކުގައި މިޝްކާ މިގޭގައި އިންނަށް ޖެހޭނީ. މިއީ އެކުދިންގެ ގެ. އެހެން ނޫނަސް މިޝްކާއަކީ ސައުންގެ އަނތްބެއް. އަހަރެންނަކީ އެހާ ޑީގުރޭޑް މީހެއްނޫން. އެހުރިހާ ކަމެއް އެނގިހުރެ ސައުންނާއި ކައިވެނީ ކުރީ
މިޝްކާގެ ކުރިމަތީގައި އާލިޔާ ހަނު ހުރުމަކީ އާލިޔާގެ މައްޗަށް މިޝްކާ ނުފޫޒު ފޯރުވާނެ ކަމެއް ކަން އާލިޔާއަށް އެނގެއެވެ. ވީމާ މިޝްކާގެ ކުރިމަތީގައި ކުރާ ކޮންމެ ސުވާލަކަށް ޖެހިލުމެއް ނެތި ޖަވާބު ދެމުން ދިޔައެވެ. އާލިޔާގެ ވާހަކަތައް ހުރި ގޮތުން މިޝްކާ ކުޑަކޮށް ގޮތް ބޮޑުވާ ގޮތްވެ ހާސްވިއެވެ. މުޅިމީހާ ފިނިވެ އާލިޔާގެ އަތްދަށުން ބަލިވީކަމުގެ އިހުސާސް ވެރިވަމުން ދިޔައެވެ. އާލިޔާ ގަސްތުގައި ބޭރަށް ދާން އުޅޭ ވާހަކަ ނުބުނީއެވެ. ކުރިމަތިން ހިނގަމުންދާ ކުދިކުދި ކަންތައް ތަކުން މިޝްކާގެ ރޭވުން ތެރިކަން ހާމަ ވަމުންދެއެވެ. ވީމާ ދެން ކުޅޭނެ ޑްރާމާއެއް ނޭނގޭތީ އެވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ.
މިޝްކާ: ގެއިން ގެނައި އެއްޗެހި ދޯ ތިއީ. އަހަރެން އަޅުވާލަ ދެންތަ އަލަމާރީގައި .
އާލިޔާ: ނޫން މީޝްކާ ތިޔަވަރު ބުރައެއް އުފުލާނެ ކަމެއް ނެތް އަހަރެން ކޮށްލަ ފާނަށް . ކަމަކުތަ ތިޔަ އައީ ކޮބާއި ކުދިވެރިން ރޭގައި ކުޑަމީހާ އައިގޮތަށް ނިދަން ނުދިޔައީ ސައުން ވަރަށް އުޅުނު ފޮނުވަން.
އާލިޔާ އެހެން ބުނުމުން މިޝްކާ ވަގު ހިއްޏަކުން ހީލަ ހީލައި އިނެވެ. ދަރިފުޅުގެ ސިކުނޑިއަށް ސަވާރުވެ އެކަން އެގޮތަށް ކުރުވީ ހަޤީގަތުގައ މިޝްކާއެވެ. އާލިޔާއާއި ސައުން އެކަހެރި ނުވެވޭނެ ހެން އަބަދުވެސް ކުއްޖަކު ސައުންގެ ކައިރިއަށް ފޮނުވާފައި ބެހެއްޓުމުގެ ނުބައި ރޭވުން މިޝްކާގެ ސިކުނޑީގައި ވާކަން ނޭނެގެނީ ސައުންނާއި އާލިޔާއަށެވެ.
އާލިޔާގެ ވާހަކަތައް އަޑު އިވިމުން މިފަހަރު މިޝްކާ ހިތްހަމަޖެހި އޭނާގެ ގޭމު ކުރިއަށް ކުޅެމުން ދާކަން ޔަގީން ވިއެވެ. އަދި އާލިޔާ އޭނާގެ ގޭމުގެ ބައިވެރިއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެކަން ޔަގީންވިއެވެ. ބޮޑުމަންޒަރު ފެންނަށްދެން ކުރިއަށް ދާން ނިންނިން މިއެވެ.
މިޝްކާ ކޮޓަރީގައި އިނުމުގެ ސަބަބުން ކުރިން މަސައްކަތް ކުރިގޮތާއި ޚލާފަށް މަސައްކަތްތައް ބަދަލު ކުރަން ޖެހުނެވެ. ފޮއްޓަށް ތަކެތި އަޅާ ގޮތުގެ ބަދަލުގައި ފޮށިން ތަކެތި ނަގާ ގޮތް އާލިޔާ ދެއްކިއެވެ. މިޝްކާ ކުޅޭ ޑްރާމާގެ ކޮންމެ އެޕިސޯޑަކަށް އިތުރު ދެ އެޕިސޯޑް އާލިޔާ ކުޅެން ޖެހޭނެ ކަން އާލިޔާ އަށް ވިސްނެއެވެ. ވުމާއެކު މަސައްކަތް ތަކުން ނިމި އަތް ވީއްލޭ ގޮތެއް ނުވިއެވެ.
އެންމެ ފަހުން މިޝްކާއަށް އާލިޔާގެ ކިބައިން މާގިނަ އެއްޗެއް ލިބޭގޮތް ނުވުމުން ސައިބޯން އަންނާށޭ ބުނުމަށް ފަހު އެނބުރި ހިނގައްޖެއެވެ. މިޝްކާ ނުކުތް ތަނުން ޒޯޔާ އައިސް ވަނެވެ. އަދި ޒޯޔާ ސުވާލަކަށް ފަހު ސުވާލެއް އާލިޔާއާއި ކުރަމުން ދިޔައެވެ.
'' މިގެއަށް ދައްތަ އައީތަ؟ ދެން މިގެން ނުދާނަށްދޯ؟ ކޮބާ ބައްޕަ؟ ޒޯޔާގެ ފުރަތަމަ ދެސުވާލަށް އާލިޔާ ޖަވާބު ދިނުމާއި މެދު ވިސްނާލިއެވެ. އަދި އެ ސުވާލަށް ޖަވާބު ނުދީ އެންމެ ފަހު ސުވާލަށް ޖަވާބު ދިނެވެ. ''ބައްޕަ ދިޔައި އޮފީހަށް. އިރުކޮޅަކުން އަންނާނެ. ކަމަކުތަ ބައްޕަ ތިޔަ ހޯދަނީ" އެހެން އާލިޔާ ބުނި ޒޯޔާއާއި ދިމަ ބަލާލުމަށް ފަހުގައެވެ.
އޭރު ޒޯޔާގެ ލޯ އަމާޒުވެފައި ހުރީ ފައްޖަހާފައި ފޮޢްޓަށް އަޅަމުން ދިޔަ ސައުންގެ އަންނައުނާއި ދިމާލަށެވެ. ''ދައްތަޔާ އެކު ބައްޕަ މިގެއިން ދަނިތަ؟ ދެން މަންމައާ އެކު އަހަރެމެން އެކަނި ތަ މިގޭގައި އުޅޭނީ؟" ޒޯޔާގެ ވާހަކަތައް ހުރި ގޮތުން އާލިޔާގެ މަސައްކަތްތައް މެދު ކަނޑާލަން ޖެހުނެވެ.
''ބައްޕަ މިގެއަކު ނުދާނެ. ޒޯޔާ މެން ދޫކޮށެއް ނުލާނެ'' ޒޯޔާގެ ބޮލުގައި ފިރުމާލިއެވެ. ''ބައްޕަ އޮފީސް ކަމަކު ދަތުރަކު ދާންޖެހިގެން ހެދުންތައް ތައްޔާރު ކޮށްލަނީ " އެހެން އާލިޔާ ބުނުމުން ޒޯޔާ އާލިޔާގެ މޫނަށް ބަލާލިއެވެ. ސުވާލުގެ ނަޒަރަކުންނެވެ.
އާލިޔާ ދޮގު ހަދާ ކަމަށް ޝައްކާ އެކުގައެވެ. ޒޯޔާ އާލިޔާގެ ފޯނު ނަގައި ގޭމު ހުރޭހޭ އެހިއެވެ. "ތިޔަ ފޯނުގައި ޒޯޔާމެން ކުޅޭކަހަލަ ގޭމު ނުހުރެ ދާނެ. ގޭމު ކުޅެން ބޭނުމީތަ؟ މާދަން ދޯ ދެން ކުޅޭނީ މިހާރު އިރު އޮއްސުނީ ދެން ނިދަން ވެދާނެ. މިހާރު ކައިފިންތަ؟" ކުޑަކުދިން އަތަށް ފޯނު ދިނުމާ މެދު އަބަދުވެސް އާލިޔާ ދެކޮޅު ހަދާނެއެވެ. އާލިޔާގެ ގޭގެ ކުޑަކުއްޖަކަށް ވެސް އާލިޔާގެ ފޯނު ނުލިބޭނެއެވެ. އެކުދިން ކުޅެން ބޭނުން ވެދާނެތީ ގޭމު ފޯނަކަށް ނާޅައެވެ.
ޒޯޔާ ކުޑަކޮށް ހިތް ނުރުހުނެވެ. ފޯނަކީ ޒޯޔާ ވަރަށް ބޭނުންވާ އެއްޗެކެވެ. ސައުން ގެއަށް އަންނަ އިރަށް ފޯނުން ގޭމު ކުޅުމަކީ ޒޯޔާގެ ހޮބީއެކެވެ. ކޮޓަރިން ނުކުންނަށް ދޮރުގައި ހިފި ތަނުން ސައުން އައިސް ކޮޓަރިއަށް ވަނެވެ. ބައްޕަ ވަންތަން ފެނުމުން ޒޯޔާ ތުންފިއްތާލިއެވެ. މޫނުމަތިން ދެރަވެފައި ހުރި އަސަރު ފެންނަށް ހުއްޓެވެ.
ސައުން ޒޯޔާ މަޑުކުރުވާފައި ކިހިނެއްވީހޭ ކިޔާ އާލިޔާގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ. ޒޯޔާ ކަމެއްނު ވެއޭ ކިޔާ އަތް ފޮޅުވާލުމަށް ފަހު އެނބުރި ހިނގައްޖެއެވެ. ޒޯޔާގެ ހަރަކާތްތައް ހުރިގޮތުން ސައުންގެ ހިތުގައި ސުވާލަކަށްފަހު ސުވާލެއް އުފެދި ގިނަވަމުން ދިޔައެވެ. ސައުންނަށް ޔަޤީންވާ ކަމަކީ އާލިޔާ އެކުދިންނަށް އިހާނެތި ގޮތެއް ނުހަދާނެ ކަމެވެ. އެ ވިސްނުމުގައި އެ ހާސްކަން ފިލުވާލައި ދަތުރު ރެޑީހޭ ކިޔާ އާލިޔާގެ ގާތަށް އައެވެ. ރަނގަޅަށް އެއްޗެހި ޕެކު ނުކުރެވި ވާތަން ފެނުމުން ކުޑަކޮށް ހިތް ހަމަ ނުޖެހުނެވެ އެހެން ނަމަވެސް އެކަން އާލިޔާއަށް އެނގުނަކަ ނުދިނެވެ. އަވަސް ކުރާށޭ ބުނުމަށްފަހު ސައުން ވަނީ ފާޚާނާއަށެވެ.
ފަހެއްގެ ކުރިން ޗެކިން ނިންމާލަން ޖެހޭތީ އަވަސް އަވަހަށް ދެމީހުން ތައްޔާރު ވެލައިގެން ހުޅުލެއަށް ދިއުމަށް ހިނގައިގަތެވެ. ދެމީހުން ނުކުމެގެން ދާން ދޮރުއަށިން ނުކުތް ވަގުތާއި މިޝްކާ ބޭރުން ގެއަށް އައިސް ވަން ވަގުތާއި ދިމާވިއެވެ. ސައުން އެއްޗެހިތައް ކާރަށް ލުމަށްފަހު މިޝްކާގެ ފަހަތުން އައިސް އަރާ ހަމަ ކުރިއެވެ.
''ދުވަސް ކޮޅަކަށް މިދަނީ ބޭރަށް. ފަހުން ގުޅާނަން ކުދިންގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓާތި ކަމެއް އޮތިއްޔާ މެސެޖު ކުރާތި." އެހެން ބުނުމަށް ފަހު ކާރަށް އެރިއެވެ. މިޝްކާގެ ފެންކަޅިވަމުން ދިޔަ ލޮލުން ސައުންނާއި ދިމަ ފަސްއެނބުރި ބަލާލިއެވެ. އެތަން އާލިޔާއަށް ފެނުނެވެ. އަދި މިޝްކާގެ މޫނު މަތިން ފާޅުވަމުން ދިޔަ މާޔޫސްކަން އާލިއާ ދެނެގަތެވެ. އާލިޔާގެ ހިތުގައި މިޝްކާއަށް ޓަކައި ބަދަލުހިފާ ހިތްދަތި ކުރުމުގެ ވިސްނުމެއް ނެތެވެ. ނަމަވެސް ސައުންނަކީ ހަމައެކަނި އާލިޔާގެ މިލުކަކަށް ވުމާމެދު ބައެއް ފަހަރަށް ލާނެއް ހިތް އެދެމުން ދެއެވެ. (ނުނިމޭ)