ދިވެހިރާއްޖެ ބަދަލުކޮށްލި ޕާޓީއަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކުރީ ޖޫން 26، 2005 ގައެވެ.
ދުވަހާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ ބައްދަލުކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. ވަކިން ހާއްސަކޮށް ޓެކްސް ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީ ކަމަށެވެ.
އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު އެ ޕާޓީގެ ހަޔާތުގައި ދުވަހަކުވެސް އެމްޑީޕީ ދެބައިނުވާ މިންވަރަށް މިއަދު އެ ޕާޓީ ވަނީ ދެބައިވެފަ އެވެ. އެމްޑީޕީގެ ތެރެއިން ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށް ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތްތަކާ ގުޅިގެން އެ ޕާޓީގެ ގުނަންތަކުގައި ތިއްބެވި އިސް ބޭފުޅުން ޕާޓީގެ އާންމު މެންބަރުން ވަނީ ދެ ބަޔަކަށް ބެހި ސިޔާސީ ގޮތުން ކޯޅެން ފަށާފަ އެވެ.
އެމްޑީޕީގައި ރައީސް ނަޝީދާ ދެކޮޅަށް މީގެކުރިން އާންމު މެންބަރުންގެ ތެރެއިން ބައެއް މީހުން ނިކުތުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި ދުވަހަކުވެސް ރައީސް ނަޝީދުގެ ބާރު ގެއްލިގެން ނުދާ މިންވަރަށް މިއަދު އެ ޕާޓީގެ ތެރޭގައި ގޮތް ނިންމާ މަރުހަލާތަކުގައި ރައީސް ނަޝީދުގެ ބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
އެމްޑީޕީގެ 17 އަހަރުގެ ތެރޭގައި ދެ ފަހަރަށް ރިޔާސީ އިންތިހާބުކޮށްފައިވާއިރު އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ.