ޖޭއެސްސީ

އިސް ގާޒީ ޝަކީލްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދިޔަ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިސް ގާޒީ ޝަކީލްގެ ސުލޫކީ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ އިސް ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، އެ އަމުރު ބާތިލުކޮށް އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އަމިއްލަ ފަރާތަކުންނެވެ.

ރިސްޓެއްގެ ގޮތުގައި ބަލާ އަމީން ގޭ ބަންދަށް ބަދަލުކުރީ އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ހުށައެޅި މައްސަލަ ބެލުމަށްފަހު އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުގައި އަމީނަކީ ދުނިޔެއިން ވެސް ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މީހެއް ކަމަށާ އެފަދަ މީހަކަށް ލުއި ދިނުމަކީ ޓެރިޒަމްގެ އަމަލު ހިންގުމަށް ވާގިދިނުމެއް ކަމަށާ މިފަދަ ނިންމުމެއް ނިންމީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށް ފަހު ނޫން ކަމަށެވެ.

އޭނާ ގޭބަންދަށް ބަދަލުކުރި އަމުރު އޭގެ ފަހުން ހައިކޯޓުން ބާތިލުކުރި އެވެ.

އެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. ޖޭއެސްސީ އިން މިއަދު ބުނީ އެ މައްސަލަ ތަހުގީގުކުރި އިރު މައްސަލަ އިސް ގާޒީގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޝަކީލު އައްޔަން ކޮށްފައިވަނީ ނޮވެންބަރު 26، 2020 ގައެވެ.