ޔޯގާ ހެދުން ހަރާމް ކަމަށް ދީނީ އިލްމުވެރީން ވިދާޅުވާތީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. ނަޝީދު މިކަމާ ކަންބޮޑުވުން ފާޅުކުރެއްވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަރާމްގެ މަގަށް އަދި ސަލާމަތުގެ އައްސޭރިއަށްވެސް ދެވެން އެބައޮތް ކަމަށެވެ. އަދި ދިވެހީންގެ ދީނީ އަގީދާއަކީ ބައެއްގެ އަމިއްލަ ސިޔާސީ ބޭނުމަކަށް ބަދަލު ކުރެވިގެން ވާނެ އަގީދާއެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވިގެންވެސް ނުވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިއަދު އެބައޮތް ހަރާމްގެ މަގަށް އެނބުރެވެން. އަދި އަޅުގަނޑުމެންނަށް އެބައޮތް ސަލާމަތުގެ އައްސޭރިއަށް ދެވެންވެސް. ޒަމާނުއްސުރެ ފަށައިގެން މި ދިވެހިރާއްޖޭގައި ރައްޔިތުން ދިރިއުޅެމުން އައި ގޮތާއި އެމީހުން ގަބޫލުކުރަމުން އައި ފަލްސަފާއާ އަދި އެ މީހުންގެ ދީނީ އަގީދާއަކީ އެއްވެސް ހާލެއްގައި، ހަމަ އެއްވެސް ހާލެއްގައި އެއްވެސް ބައެއްގެ އަމިއްލަ ސިޔާސީ ބޭނުމަށް ބަދަލު ކުރެވިގެން ވާނެ އަގީދާއެއް ނޫން. ގޮތް ގޮތް ހެދިގެންވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ އަދި ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެކޭ ބުނާނަމަ ދިވެހީންގެ ދިރިއުޅުމަށް ބުރޫއަރަން ފަށާފާނެ ކަމަށެވެ. އަދި އެ ދެވެނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމަށް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ނިކުމެ މިރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެކޭ ... މި ބާވަތުގެ ވާހަކަ ދައްކާ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވާން ފަށައިފިނަމަ ދެން އަޅުގަނޑުމެން އެ ދަނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ހަލާކުގެ އައްސޭރިއަށް ދިޔަ. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ބާކީވެ އެކަހެރިވެގެން ދިޔަ. އަޅުގަނޑުމެންގެ ގައުމު އެ ހާލަތަށް ދިއުމަށް އަޅުގަނޑުމެންނަށް ޖާގަ ދެވިގެނެއް ނުވާނެ،" ދީނީ މައްސަލަތަކުގައި މީގެ ކުރީންވެސް އިލްމުވެރީންގެ ބަހަށް ގޮންޖަހާ ވާހަކަ ދައްކަވާފައިވާ ކުރީގެ ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ނިކުމެ މިރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެކޭ ... މި ބާވަތުގެ ވާހަކަ ދައްކާ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވާން ފަށައިފިނަމަ ދެން އަޅުގަނޑުމެން އެ ދަނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ހަލާކުގެ އައްސޭރިއަށް ދިޔަ. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ބާކީވެ އެކަހެރިވެގެން ދިޔަ. އަޅުގަނޑުމެންގެ ގައުމު އެ ހާލަތަށް ދިއުމަށް އަޅުގަނޑުމެންނަށް ޖާގަ ދެވިގެނެއް ނުވާނެރައީސް މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް
ޔޯގާ ހެދުން ހަރާމް ކަމަށް ދީނީ އިލްމުވެރީން ވިދާޅުވާތީ ކުރީގެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ވަރަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްލިމަކު ޔޯގާ ހެދުން ހުއްދަ ވެގެން ނުވެއެވެ. އިސްލާމިކް މިނިސްޓްރީންވެސް ވަނީ އެކަން ބަޔާން ކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް އަންގާފައެވެ. ޔޯގާ ފަދަ ހަރަކާތްތައް ހުއްޓުވަން ފުލުހުންނަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވަނީ ޔޯގާއާމެދު އިސްލާމީ ބޮޑެތި އިލްމުވެެރިންނާއި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުގެ ނިންމުން ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައެވެ.
އެގޮތުން މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައިވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާފައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ހިންދޫގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީސް އިން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.
މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ މި މެޑިޓޭޝަނަކީ ހިންދޫގެ އަޅުކަމެއް ކަމަށްވާ ޔޯގާގައި ހިމެނޭ ކަމެއް ކަމަށާ އަދި އެ މީހުންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުން ކުރާ މިއުޒިކު ހިމެނޭ ހަރަކާތެއް ކަމަށް ވަނީ ބުނެފައެވެ.
"... އިސްވެ ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ،" މިނިސްޓްރީގެ ސިޓީގައިވެއެވެ.