ޕީޕީއެމް

ނަޝީދު މަގާމުން ވަކިކުރަން ބައިވެރިވާނަން: އިދިކޮޅު

Jun 27, 2022
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު މަގާމުން ދުރުކުރަން މަސައްކަތް ކޮށްފިނަމަ އެކަމުގައި ބައިވެރިވާނެ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ޕީޖީ ގުރޫޕުން މިހެން ބުނެފައި މިވަނީ ސިޔާސީ ބައެއް ބޭފުޅުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާތީ އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ރައީސް ނަޝީދު އެޖެންޑާ ނުކުރެއްވުމުންނެވެ.

މަޖިލިސް ކުރާ ގެ ކައިރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވީ އެމްޑީޕީ ބައިބައިވެ ދެ ފެކްޝަނެއް އުފެދިފައިވީ ނަމަވެސް އިސްލާމް ދީނާ ހިލާފު އަދި މުންކަރާތް ހިމެނޭ މައްސަލަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަން އެކައްޗެއް ކިޔާ އެއްގަލަކަށް އަރާ ކަމަށެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީ ދެ ބައިވެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ނަޝީދު ވަކިކުރަން ލިބޭ ފުރުސަތުގައި އިދިކޮޅު މެންބަރުން ބައިވެރިވާނެ ކަމަށެވެ. އެކަމަކު އެމްޑީޕީއަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެދާނެ ގޮތެއް އަދި އެނގިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖިލީސް ރައީސްގެ ވަކިކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެންމެ މިނިޓެއް ވެސް ނުތިބޭނަން. ވަކި ކުރާނަން އެނގޭތޯ" ސަލީމް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު މެންބަރު ޝިޔާމް ވިދާޅުވީ ލިވާތު ކުރުމަކީ ގާނޫނުލްއުގޫބާތުގައި ބޮޑު އަދަބެއް ލިބޭ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ﷲ ހަރާމު ކުރައްވާފައިވާ ބޮޑު ފާފައަކަށްވީ ނަމަވެސް މިހާރުގެ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން އެފަދަ ކުށްތައް އާންމުކުރަން މަސައްކަތް ކުރާ ކަމަށެވެ. އެފަދަ އަމަލުތައް ހުއްޓުވުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތައް ފިޔަވާ އެހެން ޕާޓީތަކުން މަސައްކަތް ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ތަކުގެ މައްސަލަތައް މަޖިލީހަށް އެޖެންޑާ ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބޭނުން ނުވި ނަމަވެސް އިތުރު ގޮތްގޮތުން އެ މައްސަލައިގައި ހިފާނެ ކަމަށާއި މައްސަލަ އޮއްބާލަން ފުރުސަތު ނުދޭނެ ކަމަށެވެ.