ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ ބަޔަކަށް ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުގެ ސަބަބުން ކަމަށް ބުނެފި އެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލްވުމުގައެވެ.
ސެންޓަރަލް ޕޮލިސިން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވި ފެއިލްވުމާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެކަން އެހެން ދިމާވުމުން ފުލުހުންގެ އެތެރޭގެ އިންކުއަރީއެއް ހަދަމުންދާ ކަމަށާ އެ އިންކުއަރީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކެބިނެޓް ކޮމެޓީއަށް ފުލުހުން މިހާރު ޖަވާބުދާރީވެފައިވާނެ ކަމަށެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށާ މިހާތަނަށް ބެލި ބެލުމުން އެ ހަމަނުޖެހުން ހިންގުމުގައި ހަތަރު މީހަކު އިސްކޮށް އުޅުނު ކަމަށް ފާހަގަ ވެފައިވާ ކަމަށެވެ. އެ މީހުންނަކީ އަނިޔާވެރި ވުމަށް ބާރުދީ އެފަދަ ހަމަނުޖެހުމެއް ހިންގުމަށް ހިތްވަރު ދިން މީހުން ކަމަށެވެ.
އިހުތިޖާޖުގެ ބައިވެރީން ގެންގުޅުނު ދިދަތަކަކީ ސިޔާސީ ޕާޓީއަކުން ފޯރުކޮށްދިން އެއްޗެހިތަކެއް ނަމަވެސް އެ ހަރަކާތަކީ ވަކި ސިޔާސީ ޕާޓީއެއްގެ ބެލުމުގެ ދަށުން ހިންގި ހަރަކާތެއް ކަމަށް އަދި ނުނިންމާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒު އެ އިޝާރާތް ކުރައްވަނީ އިހުތިޖާޖުގެ ބައިވެރީން ގެންގުޅުނު ހުދު ދިދަތައް އިދިކޮޅު ޕީޕީއެމުން ފޯރުކޮށް ދިން ދިނުމަށެވެ. އެކަން ފުލުހުން ކުރީން ނެރުނު ބަޔާނެއްގައިވެސް ވަނީ ފާހަގަކޮށްފައެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގި މީހުން ސަފުތައް ފޫއަޅުވާލާފައި ވަތްއިރު ދަނޑުގައި ހަ ގައުމެއްގެ ސަފީރުން ތިއްބެވި ކަމަށެވެ. އަދި ސަރުކާރުގެ މިނިސްޓަރުންނާއި ކުޑަކުދީންނާއި ބައެއް އާއިލާތައް ތިބި ކަމަށެވެ. ހަމަނުޖެހުން ހިންގި ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ވިދާޅުވިއެވެ.
މިހާތަނަށް ހައްޔަރު ކޮށްފައިވާ ބައެއް މީހުންނަކީ ޔޯގާ ހެދުން ހަރާމް ކަމަށް ބުނެ އެކަމާއި ގުޅޭގޮތުން އަޑުއުފުލުމުން ހައްޔަރު ކޮށްފައިވާ މީހުން ކަމަށް ބައެއް މީހުން ބުނާތީ އެކަމަށްވެސް ރިޔާޒު ރައްްދު ދެއްވިއެވެ. ރިޔާޒު ވިދާޅުވި ގޮތުގައި އެ ގޮތަކަށް ބަޔަކު ދެކޭނަމަ އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސަބަބުން ކަމަށް ބުނާ ބުނުންވެސް ފުލުހުން މިއަދު ވަނީ ދޮގުކޮށްފައެވެ. ރިޔާޒު ވިދާޅުވީ އެފަދަ އެއްވެސް މަައުލޫމާތެއް ފަހުންވެސް ލިބިއްޖެނަމަ އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.