ޑީއެންއާރް

އައިޑީ ކާޑުގެ އާ ޑިޒައިން ހަދައިދޭނެ ފަރާތެއް ހޯދަނީ

Jun 27, 2022
1

ދިވެހި ރައްޔިތެއް އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވާތީ ކާޑުގެ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ދިވެހިން މިހާރު ބޭނުންކުރާ އައިޑީކާޑު ޑިޒައިންކޮށް ހަދަން ފަށާފައިވަނީ 1984 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް އިތުބާރާއި ޔަގީންކަން ލިބިފައިވާ ސަލާމަތީ ގޮތުންވެސް ފުރިހަމަ އަދި ޒަމާނީ ސެކިއުރިޓީ ފީޗާތައް ހިމެނޭ ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ބޭނުންވާ ކަމަށެވެ.

އައިޑީ ކާޑު ޑިޒައިން ކުރަން ހުށަހަޅާ ޕްރޮޕޯސަލް ތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. ޑިޒައިނަރަކު ހޮވަން ނިންމާފައިވަނީ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓަށް ބެލުމަށްފަހު އެވެ.

ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހު އެވެ.

އައިޑީ ކާޑުގެ ޑިޒައިންގެ ގޮތުގައި ހުށަހަޅާ ޑިޒައިންތައް މައުރަޒެއްގައި ދައްކާލުމަށްވެސް ޑީއެންއާރް އިން ވަނީ ނިންމާފަ އެވެ.

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑީ ކާޑެއް ހެދުމުގެ މަސައްކަތަކީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ނިންމި ނިންމުގެ ދަށުން ކުރާ މަސައްކަތެކެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ. މި ނިޒާމު ގާއިމުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެ އެވެ. އަދި އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއް ގާއިމުކުރަން ނިންމި އެވެ. އެ ޕްލެޓްފޯމް ގާއިމްކޮށް ދައުލަތުގެ އިދާރާތަކަށާއި ދައުލަތް ހިއްސާވާ ކުންފުނިތަކަށް ހިދުމަތް ދިނުމަށް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެ އެވެ.

މީގެ އިތުރުން ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓީޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑް ކުރުންވެސް ހިމެނެ އެވެ. އަދި އާ ނަމްބަރިން ސިސްޓަމަކާއެކު ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް އެންސީއައިޓީއާ ޑީއެންއާރް ގުޅިގެން ތަރައްގީކޮށް ހިންގުމާއި، ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުންވެސް ހިމެނެ އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި، ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފްކުރުމާއި، ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމާއި، ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެ އެވެ.