މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.
އެމްއާރްއެމް އިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އެކިއެކި ފާހިޝް އަމަލުތަކަށް އަރައިގަތުން އިތުރުވެ އެފަދަ އަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަަށެވެ.
އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ވަކި މީހަކަށް ނުބަލައި ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލެއްގެ ދަށުން ކަމާއިބެހޭ ފަރާތްތަކުން ހާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނީ އެފަދަ އަމަލުތައް ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުންވެސް އެމީހުންނާއިމެދު އެކަށޭނަ ފިޔަވަޅު އެޅުމަށްވެސް ގޮވާލާ ކަމަަށެވެ.
"ގައުމު އިސްލާހު ކުރަން ބޭނުންވާ ދިވެހީންގެ ގިނަ ބަޔަކު އެދޭ ފަދައިން މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށްވެސް މި ޕާޓީއިން ގޮވާލަމެވެ. އެފަދަ ފަރާތްތައް ދައުލަތުގެ މަގާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކާއި ސިޔާސީ ނިޒާމާއި ސިޔާސީ ޕާޓީތަކާއި މެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކުރުން ކޮންމެހެން މުހިއްމު ކަމެކެވެ،"
މިފަދަ އަމަލެއްގައި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ މެންބަރަކު ބައިވެރިވެއްޖެ ނަމަ ހާއްސަ އިސްކަމެއް ދީގެން ޕާޓީގެ އޮނިގަނޑުތެރެއިން މައްސަލަ ބަލައި ޕާޓީގެ އަސާސްތައް ދެމެހެއްޓުމަށާއި ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.