ރާއްޖެ ކުޅިވަރު

ވޮލީ ދެ ޓީމަށް ފުރުސަތު ދީފައި، ބާސްކެޓް ޓީމު ބާކީކޮށްފި

Jan 5, 2016

ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމަށް ވެސް ފުރުސަތުދީ، ބާސްކެޓް ޓީމު ކަޓުވާލުމަށްފަހު އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިކުރާނެ ކުޅިވަރުތައް ކަނޑައަޅައިފި އެވެ.

ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މުބާރާތަށް ސަރުކާރުން ހަރަދުކުރާނީ އަށް ޓީމެއް ފޮނުވަން ކަމަށެވެ. އެއީ ވޮލީގެ ދެ ޓީމާއި އެތްލެޓިކްސް ޓީމާއި ސްވިމިން އަދި ޓޭބަލް ޓެނިސް ޓީމާއި ޝޫޓިން ޓީމާއި ގައުމީ ފިރިހެން ފުޓްބޯޅަ ޓީމާއި ޓެނިސް ޓީމެވެ.

މި ކުޅިވަރުތަކުގެ ތެރެއިން ބާކީކުރި އެންމެ ފާހަގަކުރެވޭ ޓީމަކީ ގައުމީ ބާސްކެޓް ޓީމެވެ. އެއީ އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި މެޑެއްޔަކާ ގާތަށް ދިޔަ ޓީމެކެވެ. ނަމަވެސް އެމީހުން ބާކިކުރުމަށް ފަހު ވޮލީގެ ދެ ޓީމަށް ފުރުސަތު ދިނުމުން ބާސްކެޓް ޓީމު ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ނަމަވެސް އަމިއްލަ ހަރަދުގައި ކޮންމެ ކުޅިވަރަކަށް ވެސް ގޭމްސް އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ބާސްކެޓް ޓީމަށް ފުރުސަތު ނުލިބުނު އެންމެ މުހިންމު ސަބަބަކީ ކުޅިވަރާ ބެހޭ މިނިސްޓްރީން ގޭމްސް އަށް ފޮނުވާނެ ކުޅިވަރުތައް ކަނޑައަޅަން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ބާސްކެޓް އެސޯސިއޭޝަނުން ހާޒިރުނުވުމެވެ. އެސޯސިއޭޝަނުގެ ވެރިންގެ ތެރޭގައި އުފެދިފައިވާ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި ބާސްކެޓް އޮއްވައި ގައުމީ ޓީމަށް ފުރުސަތު ނުލިބުނުއިރު ފާއިތު ދެމަސްދުވަހު ފަރިތަކުރުމަށްފަހު ގޭމްސް އަށް އިއްޔެ ވަނީ ބާސްކެޓް ޓީމު ވެސް ފައިނަލްކޮށްފަ އެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމެއް. އެންމެ ފަހު ވަގުތު މިގޮތް ވީމަ އަމުދުން މިއީ ބޮޑު ގެއްލުމެއް. މި ސަރަހައްދުގައި ވާދަކޮށްލެވޭނެ ހަމައެކަނި މުބާރާތަކީ މިއީ. މިދިޔަ އަހަރުން ފެށިގެން މިއައީ މި ގޭމްސް އަށް ތައްޔާރުވަމުން،" ބާސެކްޓް ގައުމީ ޓީމުގެ ކޯޗު އަހުމަދު ފަޔާޒް ބުންޏެވެ.

ގޭމްސްއިން ފުރުސަތު ނުލިބުމުން ހޭންޑްބޯޅަ އާއި ފުޓްބޯޅަ ފަދަ ކުޅިވަރުތަކުން ވެސް ވަނީ ހިތްހަމަނުޖެހިފަ އެވެ.