ފުލް މޫން ރިސޯޓާއި ޑަބްލިއު މޯލްޑިވްސް ވިއްކާލައިފި އެވެ.
މި ދެ ރިސޯޓަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރަމުންދާ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ދުނިޔޭގެ މަޝްހޫރު ހޮސްޕިޓަލިޓީ ބްރޭންޑް މެރިއޮޓް އިންޓަނޭޝަނަލް ހިއްސާވާ ގޮތަށް ހިންގަމުން ދިޔަ ދެ ކުންފުންޏެވެ.
މި ދެ ރިސޯޓް ވިއްކާލުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް މި މުއާމަލާތުގައި އިސްކޮށް މަސައްކަތް ކުރީ ރިއަލް އެސްޓޭޓާއި އިންވެސްޓްމަންޓް މެނޭޖްމަންޓުގައި ފާހަގަކުރެވޭ ކުންފުންޏެއް ކަމަށްވާ ޖޭއެލްއެލް ހޮޓެލްސް އެންޑް ރިސޯޓްސް އެވެ.
ރަށްތައް ގަތީ ޕްރައިވެޓް އިކުއިޓީ އިންވެސްޓަރެއް ކަމަށް ބުނި ނަމަވެސް ރަށްތައް ވިއްކާލި އަގެއް ނުބުނެ އެވެ.
ރާއްޖޭގައި މިއީ އެއް ފަހަރާ ދެ ރިސޯޓް ވިއްކާލުމަށް ހިންގުނު މީގެ ފުރަތަމަ މުއާމަލާތެވެ.
ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ފުލްމޫން އަކީ 11.8 ހެކްޓަރުގެ ރަށެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ފުރައިގެން 15 މިނިޓުން ދެވޭހާ ދުރުމިނުގައި މާލެ އަތޮޅުގައި އޮންނަ މި ރިސޯޓަކީ ބީޗް ވިލާ ހިމަނޭ ގޮތަށް 176 ކޮޓަރި ހުންނަ ރިސޯޓެކެވެ.
ފަސް ތަރީގެ ޑަބްލިޔު މޯލްޑިވްސް އަކީ 4.8 ހެކްޓަރުގެ ރަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނުގައި ފުރައިގެން 25 މިނިޓުން ދެވޭހާ ދުރުމިނުގައި އއ. އަތޮޅުގައި އޮންނަ މި ރިސޯޓަކީ ވޯޓާ ވިލާ އާއި ބީޗް ވިލާ ހިމަނޭ ގޮތަށް 77 ކޮޓަރީގެ ރިސޯޓެކެވެ.
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރިސޯޓާއި ރަށާއި ފަޅު ހިމެނޭ ގޮތަށް މިއަހަރުގެ މިހާތަނަށް 12 ތަނެއް ވަނީ ވިއްކާލާފަ އެވެ.