މާލޭގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭ ގާނޫނީ ހުރިހާ މަރުހަލާއެއް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކު މާލެ ސިޓީ ކައުންސިލުން ސޮއި ކުރީ ކައުންސިލްގެ މިދިޔަ ދައުރުގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން މާފަންނުގެ ބައެއް މަގުތައް ހެދުމަށްފަހު އޭރުގެ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނައުމަށްފަހު މިހާރުގެ ސިޓީ ކައުންސިލްގެ ކައުންސިލަރުން މަގާމާ ހަވާލުވި ފަހުން އަދި މިހާތަނަށް ހެދީ ހަމައެކަނި ހެންވޭރު އަވަށުގެ ރޯޝަނީ މަގެވެ. އޭގެފަހުން މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ވަނީ ހުއްޓިފަ އެވެ.
މާލޭގެ މަގުތައް ހެދުން ލަސްވާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސިޓީ ކައުންސިލަށް ވެސް އަމާޒުވެ އެވެ. އެ ފާޑުކިޔުންތައް ސިޓީ ކައުންސިލަށް އަމާޒުވަނީ މަގު ހެދުމުގެ މަޝްރޫއު ލަސްވާ ސަބަބާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީ އާއި އާރްޑީސީން ހަގީގަތާ ދުރު ވާހަކަތަކެއް ދައްކާތީ ކަމަށް ސިޓީ ކައުންސިލްގެ ކައުންސިލަރުން ގަބޫލުކުރައްވަ އެވެ.
ސިޓީ ކައުންސިލަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ ކައުންސިލްގެ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. މާލޭގެ މަގުތައް އަލުން ހަދާއިރު މަގުތަކަށް ގެންނަންޖެހޭ ބަދަލެއް ގެނައީ ސްކޯޕާއި އެއްގޮތަށް ބަޖެޓް އިތުރުނުވާ ގޮތަށް ކަމަށާއި، ސްކޯޕަށް އެއްވެސް މަގެއް އިތުރު ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ އާއްމު ޖަލްސާގައި މޭޔަރު ވަނީ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ރޯޝަނީ މަގުވެސް ހެދީ ކައުންސިލުން ގެންނަން ހުށަހެޅި ބަދަލުތައް ގެނައުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހުގައި ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މަޝްރޫއު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ ފާއިތުވި ހަތް މަސް ދުވަހު މަޝްރޫއު ހުއްޓިފައި އޮތީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ކައުންސިލަށްވެސް ސާފު ނުވާ ކަމަށެވެ. ކައުންސިލްގެ ފަރާތުން އެ މަޝްރޫއަށް ގެންނަން ހުށަހެޅި ބަދަލުތަކާއިއެކު ވެސް މަސައްކަތް ކުރިއަށް ގެންދަން އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ފުލް ސްކޯޕްގައި އަމީނީ މަގު އެއްކޮށް ނިންމާކަށް ނެތް. އެހެންކަމުން އެއީ ދެކޮޅުޖެހޭ ކަމަކަށް ނުވާތީ އަޅުގަނޑުމެން އެއަށް އިތުރުކުރީ ފިނޭންސާއި ޕްލޭނިންގް އާއި ވެސް ވާހަކަ ދައްކައިގެން މާލިއްޔަތު ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން މުޅި އަމީނީމަގު ހެދުމަށް. އެކަންވެސް ހުރީ ހުރިހާ ލިޔެކިޔުމަކުން ހަމަޖެހިފަ،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މަގު ހެދުމުގެ މަޝްރޫއަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ވެސް ހިމެނޭ މަޝްރޫއެކެވެ.
މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއާ ގުޅޭ ގާނޫނީ ހުރިހާ މަރުހަލާއެއް ކައުންސިލުން ނިންމާފައިވާ ކަމަށާއި މުހިއްމު މަސައްކަތެއްގައި ސަރުކާރުން ހިފަހައްޓާ ސަބަބަކީ އަޖއިބެއް ފަދަ ކަމެއް ކަމަށެވެ.