ހަބަރު

ދާރުލް އާސާރުން ވައްކަންކުރި މީހަކު ތިން އަހަރަށް ޖަލަށް

Jan 21, 2015

ދައުމީ ދާރުލް އާސާރުން ވައްކަންކުރި މީހަކު ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ދަފްތަރު ނަމްބަރު 75، ނަޒުމް އާދަމްގެ މައްޗަށް އެ ހުކުމް އައީ އޭޕްރީލް، 2012 ގެ ދުވަހެއްގެ ރޭ ފަތިހުގެ ވަގުތެއްގައި އޭނާއާ އިތުރު މީހަކު ބައިވެރިވެގެން ދާރުލް އާސާރުން ވައްކަން ކުރި މައްސަލައިގަ އެވެ. އެ ދެ މީހުން އެތަނުން ވަނީ އެތަނުގައި ބަހައްޓާފައި ހުރި ދެ ފަށްޓަރު ބަޔާއި 720 ޖީބީގެ ހާޑް ޑިސްކަކާއި 360 ޖީބީގެ ހާޑް ޑިސްކެއްގެ އިތުރުން އަށް އައިޕޮޑަކާއި ސޮނީ ބްރޭންޑްގެ ޕީއެސްޕީއެއްގެ އިތުރުން ވަޅިއަކާއި ބުކް މާކަކާއި ވަކި ލާރި ދަޅެއްގެ އިތުރުން 1،600ރ. ނަގައިފަ އެވެ.

އެ މައްސަލައަކީ ނަޒުމްގެ މައްޗަށް މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ އެ ކުށުގެ އަދަބެއްގެ ގޮތުން ކޯޓުން ހުކުމްކުރީ އޭނާ ހަ މަހަށް ޖަލަށްލުމަށެވެ. ނަމަވެސް ޖަމާއަތް ހަދައިގެން ވައްކަން ކޮށްފައިވާތީ އިތުރު ހަ މަހަށް ޖަލަށްލުމަށާއި އޭނާ ވައްކަންކުރީ ސަރުކާރުގެ މުދަލަކުން ކަމަށް ވާތީ އިތުރު ދެ އަހަރަށް، އެކު ޖުމްލަ ތިން އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުން ވައްކަންކުރި މަންޒަރު ދާރުލް އާސާރުގެ ސީސީޓީވީ ފުޓޭޖުން ހުރީ ރެކޯޑްވެފަ އެވެ.