އަހުމަދު ސަލީމް

ދިހަ މިލިއަންގެ ބަދަލެއް ހޯދަން ސައްލެ ކޯޓަށް

އާންމުވެފައިވާ ބަރަހަނާ ވީޑިއޯތަކުގެ ތެރެއިން ވީޑިއޯއެއްގައި ރައްޔިތުންްގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ފެންނަ ކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރި ހަބަރަކާއި ގުޅިގެން ބަދަލު ހޯދުމަށް އޭނާ ދައުވާ ކޮށްފި އެވެ.

ސައްލެ ދައުވާ ކޮށްފައިވަނީ އޮންލައިން ނޫސް "ދިޔަރެސް" އާއި އެ ނޫހުގެ މަސްއޫލުވެރިޔާ ހީނާ ވަލީދުގެ މައްޗަށެވެ. ހީނާއަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ހަބަރު ކިޔުންތެރީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އެއީ އިދިކޮޅު ޕީޕީއެމްގެ އިސް ތަރުޖަމާންވެސް މެއެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ބަޔަކު ދަނީ އާންމު ކުރަމުންނެވެ. އެއް ވީޑިއޯއެއްގައި ސައްލެ ހިންގަވާ ރާއްޖެ ޓީވީގައި ކުރީން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒިފަކު އެފަދަ އަމަލެއް ކުރަނިކޮށް ފެނެއެވެ. ނަމަވެސް އެ ވީޑިއޯގައި ދެން ފެންނަ މީހާގެ މޫނެއް ނުފެނެއެވެ. އެ ހަބަރު ގެނެސްދީ އެއީ ސައްލެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ސައްލެއަށް އަމާޒުވިއެވެ. ސައްލެގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ގެނެސްދިން އެ ހަބަރާއި ގުޅިގެން އަބުރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އޭނާ އެދިފައިވަނީ 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަދަލެއް ނަގައިދޭށެވެ.

މިއީ އެ ވީޑިއޯގެ ހަގީގަތް ރަނގަޅަށް އެނގި ތިބެ ގަސްތުގައި ދޮގު މައުުލޫމާތު ފަތުރައިގެން ދިން ގެއްލުމެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.