ރައްޔިތުންގެ މަޖިލިސް

ސިންގަޕޫރު ސަފީރު ކަމަށް ތަސްމީން އައްޔަންކުރަން ރުހުން ދީފި

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަހްމަދު ތަސްމީން އަލީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީފި އެވެ.

ސަފީރު ކަމަށް ތަސްމީން އައްޔަންކުރުމަށް ރުހުންދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން 58 މެންބަރުން ވަނީ ތަސްމީނަށް ރުހުން ދިނުމަށް ތާއީދުކުރައްވާފަ އެވެ.

މިމައްސަލަ ދިރާސާކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ތަސްމީނާ އިންޓަވިއު ކުރުމަށްފަހު ނިންމާފައިވަނީ އޭނާއަށް ރުހުން ދިނުމަށެވެ.

ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ތަސްމީނަކީ ކަމާގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ މަގާމަށް އައްޔަނު ކުރަން އެކަށީގެންވާ ބޭފުޅެއް ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ސިންގަޕޫރު ސަފީރު ކަމުގައި މިވަގުތު ހުންނެވި ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަންކުރަން ރުހުން ހޯދުމަށްވެސް މަޖިލީހަށް ވަނީ ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ މައްސަލައިގައި މަޖިލީހުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. އިންޑިއާގައި ހުންނަވާ ދިވެހި ސަފީރގެ ގޮތުގައި މިވަގުތު ހުންނެވީ ހުސައިން ނިޔާޒު އެވެ.

ތަސްމީން ސަފީރު ކަމަށް އައްޔަންކުރަން ނިންމަވާފައިވާއިރު މާޗް 26، 2019 އިން ފެށިގެން މިދިޔަ އޭޕްރީލް މަހާ ހަމައަށް މެލޭޝިއާގައި ހުންނެވި ދިވެހި ސަފީރުގެ މަގާމުގައި ހުންނެވީ ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ އެވެ. ނަމަވެސް އަމިއްލަ ސަބަބުތަކެއް ހުރުމުން ކަމަށް ވިދާޅުވެ އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.