ބޮލީވުޑް

ކެންސަރާ ހަނގުރާމަކުރި ބޮލީވުޑް ތަރިން

ބޮލީވުޑޭ ބުނުމުން ހިތަށް އަރަނީ ވަރަށް ވިދާ ބަބުޅާ ދުނިޔެ އެކެވެ. ފައިސާ އާއި ރީތިކަމާއި ފަރިކަން އަދި ފެޝަން އެވެ. ނަމަވެސް ބޮލީވުޑުގެ ފަންނާނުންގެ ހަގީގީ ހަޔާތުގައި ކަންކަން ވަމުންދަނީ ފިލްމުތަކުން ފެންނަ ފަދަ ގޮތަކަށް ނޫންކަން ގިނަ މީހުންނަކަށް ނޭނގެ އެވެ.

އާދައިގެ މީހުންނެކޭ އެއްފަދައިން އެމީހުންނަށް ވެސް ސިއްހީ ގިނަ ގުނަ މައްސަލަތަކާއި ހިތްދަތިވާ ވަރަށް ގިނަ ކަންކަމާ ކުރިމަތިވުން އެއީ ގުދުރަތީ ނިޒާމުގައި ކަނޑައެޅިފައިވާ ގޮތެވެ.

އެގޮތުން ބޮލިވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ކެންސަރު ބަލީގެ ވޭނުގައި ވެސް އެތައް ދުވަހެއް ހޭދަކޮށްފަ އެވެ. މި ބަލީގައި ބައެއް މީހުން މި ދުނިޔެއަށް އަލްވަދާއު ކިޔާފައިވާއިރު އަނެއް ބަޔަކު އަދިވެސް ބައްޔާ ހަނގުރާމަ ކުރަނީ އެވެ. އަދި ބައެއް މީހުން ބަލިން މުޅިން ފަސޭހަ ވެފައި ވެސް ވެއެވެ.

ކެންސަރާ ހަނގުރާމަ ކޮށް ބަލިން މިހާރު މުޅިން ފަސޭހަ ވެފައިވާ ބަތަލާއިންގެ ތެރޭގައި މަންމަ ރޯލުތަކުން ފެންނަ ނަފީސާ އަލީ ހިމެނެ އެވެ. އަދި ބަތަލާ މަނިޝާ ކޮއިރާލާ އާއި ލީޒާ ރޭ، ކިރަން ކޭރް، ސޮނާލީ ބެންޑްރޭ ހިމެނެ އެވެ.

އެކްޓަރުންގެ ތެރެއިން ރިޝީ ކަޕޫރާއި އިރްފާން ޚާން، ވިނޯދް ކަންނާ އަދި ފީރޯޒް ޚާން ފަދަ ބަތަލުން ވަނީ ކެންސަރު ބަލީގައި މި ދުނިޔެ ދޫކޮށްފަ އެވެ. ސަންޖޭ ދަތު ފަދަ ބައެއް އެކްޓަރުން ވަނީ ބަލި ޖެހި ބަލިން ފަސޭހަ ވެފަ އެވެ.