ތުރުކީއަށް މަންކީޕޮކްސް އަރައިފި އެވެ. ހެލްތު މިނިސްޓްރު ފަހުރޭތިން ކޮޗާ ވިދާޅުވި ގޮތުގައި ތުރުކީން މަންކީޕޮކްސް ފެނިފައި ވަނީ އަދި މުޅިން އަލަށެވެ.
މަންކީޕޮކްސް ޖެހިގެން ހޮސްޕިޓަލުގައި މުޅިން ވަކިކޮށް ފަރުވާ ދެމުން ދަނީ 37 އަހަރުގެ މީހަކަށް ކަމަށް ބުނުމުގެ އިތުރުން އޭނާއާ ބެހޭ އިތުރު ތަފުސީލެއް ސިއްހީ އޮފިޝަލުން އަދި ބަޔާނެއް ނުކުރެ އެވެ.
އޭނާއާ މީގެ ކުރިން ބައްދަލުވެފައި ތިބި މީހުންނާއި އޭނާ އުޅުނު ތަންތަން ބަލައި މަންކީޕޮކްސްއަށް ޓެސްޓްކޮށްފައި ވާ ކަމަށް އޮފިޝަލުން ބުންޏެވެ. އެއިން ތަނަކުން އިތުރު ބަލިމީހަކު ފެނިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މަންކީޕޮކްސް އަކީ ޖަނަވާރުންގެ މެދުގައި ދޭތެރެ ދޭތެރެއިން ފެތުރިގަންނަ ބައްޔެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. މި ބަލި އިންސާނުންނަށް ފޯރި ގޮތް އަދި މުޅިން ސާފު ނުވާ ކަމަށް ވެސް އޮތީ ބުނެފަ އެވެ.
މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތް ކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތް ކަމަކުން ވެސް މިބައްޔަށް ފެތުރިގަނެ ވެއެވެ.
ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.
ރަހިމުގައި އޮންނަ ތުއްތު ދަރިފުޅަށް ވެސް މަންމަގެ ގައިން މިބަލިއަރާ ކަމަށް ދުނިޔޭގެ ސިއްހަތު އިދާރާތަކުން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ.
ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.
މަންކީޕޮކްސް ޖެހުމުން ފާހަގަ ކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ.
އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ.