ދީން

އެންމެ މާތް ދިހަ ދުވަސް

ހެޔޮކަމުގެ މޫސުންތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މޫސުމަކީ ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އެ ދުވަސްތައް ވަނީ އެނޫން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވަވާފަ އެވެ.

އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ ». يَعْنِى أَيَّامَ الْعَشْرِ. قَالُوا يَا رَسُولَ اللَّهِ وَلاَ الْجِهَادُ فِى سَبِيلِ اللَّهِ قَالَ « وَلاَ الْجِهَادُ فِى سَبِيلِ اللَّهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ" (رواه أبو داود) މާނައީ: "އެ ދުވަސްތަކެއްގައި ހެޔޮ ޢަމަލު ކުޅައުން ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްވަރަކީ މި ދިހަ ދުވަހެވެ." ޞަހާބީން ދެންނެވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތްވެގެންވޭ ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ވުރެވެސް މާތް ވެގެންވެ އެވެ. އެއީ މީހަކު އޭނާގެ ޖާނާއި މުދަލާއެކުގައި ނުކުމެ ﷲ ގެ މަގުގައި އެތަކެތި އެކުގައި ހޭދަކޮށްލައިފި މީހަކު ފިޔަވައެވެ."

މިބަސްފުޅުން ދޭހަވާ ގޮތުގައި އަހަރުގެ ހުރިހާ ދުވަސް ތަކަކަށްވުރެ މި ދުވަސް ތައް މާތް ވެގެންވެއެވެ. އެއީ އެއްވެސް އިސްތިސްނާއެއް ނެތި އެވެ. ރަމަޟާން މަހުގެ ފަހު ދިހަޔަކަށް ވުރެން ވެސް މި ދުވަސް ތަކުގެ މާތްކަން ބޮޑު ވެގެންވެއެވެ. ނަމަވެސް ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތައް މާ މާތް ވެގެންވެއެވެ. އެއީ އެރޭތަކުގައި ލައިލަތުލް ޤަދްރި ވިލޭރޭ ހިމެނޭތީއެވެ. މިގޮތުން ހުރިހާ ދަލީލެއް ޝާމިލުވެއެވެ.

މިދުވަސްތައް މާތްވެގެންވަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

* ﷲ ސުބަޙާނަހޫ ވަތަޢާލާ ވަނީ އެދުވަސްތައް ގަންދެއްވައި ހުވާ ކުރައްވާފައިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްޗެއް ގަންދެވައި ހުވާ ކުރައްވާފައިވަނީ ނަމަ އެއިން ދޭހަކޮށްދެނީ އެއްޗެއްގެ މަތިވެރިކަމާއި އޭގެ މަންފާ ގިނަގުނަ ވެގެންވާ ކަމެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَٱلْفَجْرِ * وَلَيَالٍ عَشْرٍ " (الفجر: 1-2) މާނައީ: "ފަޖުރުގެ ވަޤުތު ގަންދެއްވަމެވެ. އަދި ދިހަރޭ ގަންދެއްވަމެވެ." މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާ އާއި އިބްނުއްޒުބައިރާއި މުޖާހިދު ރަޙިމަހުމު ﷲ އާއި އަދިވެސް ސަލަފުންނާއި ޚަލަފުންގެ ތެރެއިން އެތައް ބޭކަލަކު ވިދާޅުވެފައިވެއެވެ. "އެއީ ޛުލްޙިއްޖާމަހުގެ ދިހަ ދުވަހެވެ."

* އިސްވެ ބަޔާން ކުރެވުނު ޞައްޙަ ޙަދީޘްފުޅުގައިވާ ފަދައިން މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެދުވަސްތަކަކީ މިދުނިޔޭގެ އެންމެ މާތް ދުވަސްތައްކަމުގައި ބަޔާން ކޮށްދެއްވާފައެވެ.

* އެދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމަށް އެކަލޭގެފާނުވަނީ ބާރު އަޅުއްވާފައެވެ. އެދުވަސްތަކުގެ މާތްކަން އެއީ ހުރިހާ ކަންކޮޅުތަކެއްގައިވާ އެންމެންގެ މައްޗަށް އާންމުވެގެންވާ ކަމެކެވެ. އަދި ތަނުގެ މާތްކަން އެއީ ޙައްޖުވެރީންނަށް ޚާއްޞަވެފައިވާ ކަމެކެވެ.

* އެދުވަސްތަކުގައި ތަކްބީރު ތަސްބީޙު ތަޙްމީދު ކުރުން ގިނަކުރުމަށް އެކަލޭގެފާނުވަނީ ބާރު އަޅުއްވވާފައެވެ. ޢަބްދު ﷲ ބުނު ޢުމަރު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ وَلَا أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَأَكْثِرُوا فِيهِنَّ مِنْ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ ” أخرجه احمد (7/224) وصحّح إسناده أحمد شاكر" މާނައީ: "މި ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟުރަތުގައި މަތިވެރިންކަން ބޮޑުވެގެންވާ އަދި ހެޔޮ ޢަމަލު ކުޅުން އެކަލާނގެ ޙަޟުރަތުގައި ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހުލީލު ތަކްބީރު ތަޙްމީދު ކިޔުން ގިނަކުރާށެވެ."

* އެދުވަސްތަކުގެ ތެރޭގައި ޢަރަފާތް ދުވަސް ހިމެނެއެވެ. އެދުވަހަކީ اليوم المشهود އެވެ. އެބަހީ ހެކިވެވިގެންވާ ދުވަހެވެ. މި ދީން ﷲ ސުބުޙާނަހޫވަތަޢާލާ ފުރިހަމަ ކޮށްދެވީ އެ ދުވަހުގައެވެ. އަދި އެ ދުވަހުގެ ރޯދައަކީ ދެ އަހަރުގެ ފާފައިގެ ކައްފާރާއެކެވެ. ހަމައެފަދައިން އެ ދިހަ ދުވަހުގެ ތެރޭގައި يوم النحر ހިމެނެއެވެ. އެބަހީ ޤުރުބާނީ ކަތިލުމުގެ ދުވަހެވެ. އެއީ އަޟުޙާ ޢީދު ދުވަހެވެ. އަދި އެދުވަހަކީ މުޅި އަހަރުގެ އެންމެ މާތް ދުވަހެވެ. އެދުވަހަކީ يوم الحجّ الأكبر އެވެ. އެބަހީ ޙައްޖުގެ އެންމެ ބޮޑު ދުވަހެވެ. އެދުވަހުގައި އަޅުކަމާއި ހެޔޮކަމުގެ ގޮތުން އެނޫން ދުވަސްތަކުގައި ނުހިމެނޭ އެތައް ކަމެއް ހިމެނިފައިވެއެވެ.

* އެދުވަސްތަކުގެ ތެރޭގައި އުޟުޙިޔާ ކަތިލުމާއި އަދި ޙައްޖުގެ އަޅުކަން ހިމެނެއެވެ.

ޙައްޖުމަހުގެ ދިހަ ދުވަހާ ބައްދަލުވެ އެދުވަސްތަކާއި ހަމައަށް ދުނިޔޭގައި ލެހެއްޓެވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ނިޢްމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިޢުމަތެކެވެ. ކޮންމެ މުސްލިމަކުމެ މި ނިޢްމަތް ހަނދާންކުރުމާއި، މި ފުރުޞަތުގެ ބޭނުން ހިފުމަކީ އޭނާގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އަދި މިދުވަސްތަކަށް ޚާއްޞަ ޢިނާޔަތެއްދީ، ހެޔޮކަންތައްތައް އިތުރު ކުރުމުގައި ތިމާގެ ނަފްސުން ޖިހާދު ކުރަން ޖެހޭނެ އެވެ. ހަމައެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުގެ ތެރޭގައި ހެޔޮކަމުގެ މަގުތައް ގިނަ ކުރައްވާފައިވުން ހިމެނެއެވެ. އަދި އަޅުކަމުގެ ތަފާތު ވައްތަރުތަކާއި ބާވަތްތައް ލައްވާފައިވުމީ އެކަލާނގެ އަޅުތަކުންނަށް ލައްވަވާފައިވާ ބޮޑު ރަޙުމަތެކެވެ.

މި ދިހަ ދުވަހުގައި ކުރުން ހެޔޮވެގެންވާ އަމަލުތަކުގެ ތެރޭގައި ހިމެނެއެވެ.

ރޯދަ ހިފުން

މިދުވަސްތަކުގައި ހެޔޮ ޢަމަލު ގިނަ ކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم އުއްމަތަށް ބާރުއަޅުއްވާފައިވެއެވެ. ހެޔޮ ޢަމަލުގެ ގޮތުން ކުރުން އެންމެ ރަނގަޅު އެއް ޢަމަލަކީ ރޯދަހިފުން ކަމަށްވާތީ، މި މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.

ޤުދުސިއްޔަ ޙަދީޘެއްގެ މާނައިގައިވެއެވެ. “ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި ތިމަންރަސްކަލާނގެ އެރޯދައަށް ޖަޒާދެއްވަމެވ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.)

ތަކްބީރު ކިޔުން

އެދުވަސްތަކުގައި ތަކްބީރު ތަޙްމީދު ތަޙްލާލު ތަސްބީޙަ ކިޔުން ސުންނަތް ވެގެންވެއެވެ. މިސްކިތްތަކުގައްޔާއި ގޯތިގެދޮރުގައްޔާއި މަގުތަކުގައްޔާއި އަދި ހުރިހާ ތަނެއްގައި އަޑު ހަރުކޮށް ތަކުބީރު ކިޔައި، ﷲ ތަޢާލާ ޒިކުރުކޮށް، އެކަލާނގެ މަތިވެރިކަން އިޢްލާނުކޮށް އަޅުވެތިކަން ހާމަކުރުން ސުންނަތްވެގެންވެއެވެ. ތަކްބީރު ކިޔުމަކީ الله أكبر ، الله أكبر لا إله إلا الله ، والله أكبر ولله الحمد މިފަދައިން ކިމެވެ. އަދި މިނޫން ޢިބާރާތްތައްވެސް ތަކްބީރު ކިޔުމުގައި ޞަލަފުންގެ ކިބައިން ރިވާވެގެންވެއެވެ.

އުޟުޙިޔާ ކަތިލުން

މި ދުވަސްތަކުގައި ކުރުން ސުންނަތްވެގެންވާ ޢަމަލުތަކުގެ ތެރޭގައި ﷲ އަށް ކުއްތަންވުމުގެ ގޮތުން އެކަލާނގެއަށް ޤުރުބާނީއެއްގެ ގޮތުގައި އުޟުޙިޔާ ކަތިލުން ހިމެނެއެވެ.

ތެދުވެރި ތައުބާއަކުން ތައުބާވުން

މިދުވަސްތަކުގެ ދަރުމަޔާ ޘަވާބަށް އެދޭމީހާ އެންމެހައި ފާފަތަކުން ދުރުހެލިވެ ތައުބާވުން ވާޖިބު ވެގެންވެ އެވެ. ތައުބާވުމަކީ ﷲ ގެ ޙަޟުރަތަށް ރުޖޫޢަވެ، ތިމާއަށް ކުރެވިފައިވާ އެކަލާނގެ ނުރުއްސަވާ އެންމެހައި ކަމަކުން އެއްކިބާވެ، އެފާފަތައް އަލުން ނުކުރުމަށް ޢަޒުމު ކަނޑައަޅައި، ﷲ ގެ ޙަޟުރަތުން ފާފަ ފުއްސެވުމަށް އެދޭ ޙާލު ޙައްޤުގެ މަތީގައި ޤާއިމު ވެހުރުމެވެ.

މިފަދަ ފިތުނަވެރި ޒަމާނެއްގައި، ފާފަ ކުރެވުމަކީ ކޮންމެ މީހަކަށްމެ ވަރަށް ގާތުގައިވާ ފަސޭހަ ކަމެކެވެ. ވީމާ، އަޅުގަނޑުމެންގެ މައްޗަށްމެ ވާޖިބު ވެގެން ވަނީ ތިމާއަށް ފާފައެއް ކުރެވިއްޖެ ނަމަ، ތައުބާވުމަށް އަވަސް ވެގަތުމެވެ. އެހެނީ ތައުބާނުވެ ހުއްޓާ މަރު ވެދާނެ ކަމަށް ބިރުވެތި ވާންޖެހެ އެވެ. އަދި ފާފައިން ތައުބާ ނުވެ ހުރުމަކީ އެހެން ފާފަތަކަށް އަރައިގަތުމަށް ފަސޭހަ ކޮށްދޭ ކަމެވެ.