ސަރުކާރުގެ އަމާޒަކީ މަގުމަތީގައި މިހާރު ހިނގާ އެކްސިޑެންޓްތަކުގެ އަދަދު 2030 ވަނަ އަހަރުގެ ނިޔަލަށް 50 އިންސައްތައަށް މަދުކުރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހްލާ މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދިޔަ އދގެ ގްލޯބަލް ރޯޑް ސޭފްޓީއާ ގުޅޭ ހައިލެވަލް ބައްދަލުވުމުގައި ތަގުރީރުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ނަހްލާ ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތަކުގައި ކަންބޮޑުވާ އަދަދަކަށް މީހުން މަރުވާ ކަމަށާއި އެއީ އެންމެން ގުޅިގެން ހައްލުކުރަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ.
މައްސަލައިގެ ސީރިއަސް ކަން އިތުރަށް ހާމަކޮށްދެއްވުމުގެ ގޮތުން ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓަރު ނަހްލާ ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތަކުގައި ކޮންމެ އަހަރަކުވެސް 1.3 މިލިއަން މީހުން މަރުވެ 50 މިލިއަން މީހުންނަށް ތަފާތު އަނިޔާތައް ލިބެމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތައް އާންމު ގޮތެއްގައި ހިނގާފައި ހުންނަނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާތީއާއި އިހްމާލާއި ފަރުވާ ކުޑަވުމުގެ ސަބަބުން ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ގިނައިން މަރުވެފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން ކަމުގައިވެސް ވިދާޅުވި އެވެ.
"މިފަދަ ހިތާމަވެރި އެކްސިޑެންޓްތަކާއި ހާދިސާތަކުގެ ސަބަބުން އާއިލާތަކަށާއި ވަކިވަކި ފަރުދުންގެ އިތުރަށް މުޅި މުޖުތަމައަށް ލިބޭ ގެއްލުންތަކެއް ހުރޭ. ޒުވާން އުމުރުގައި ޒުވާނުން މިހާރު މަރުވާ އެއް ސަބަބަކަށް މިފަދަ އެކްސިޑެންޓްތައް ވެގެން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަހްލާ ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރެވޭނީ ގާނޫނުތަކާއި އެއްގޮތަށް އަމަލުކޮށް، އުޅަނދުތައް ދުއްވަން އޮންނަ ދުވެލީގައި ދުއްވުމުގެ އިތުރުން ކަމާ ގުޅޭ ހުރިހާ އިދާރަތަކެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ. މަގުމަތީގެ ރައްކާތެރިކަން ޔަގީންކޮށްދިނުމަށްޓަކައި ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖެއިން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.