މޯލްޑިވްސް ޕޮލިސް ސާވިސް

މިންބަރަށް އަރާ އަޑުގަދަ ކުރި މީހާ ދޫކޮށްލައިފި، އެއީ ނަފްސާނީ ބަލި މީހެއް: ޕޮލިސް

ސަލްމާން މިސްކިތުގެ މިންބަރަށް އަރާ ހުރެ އަޑުގަދަ ކުރަނިކޮށް މިއަދު ހައްޔަރު ކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ސަލްމާން މިސްކިތަށް ހުކުރަށް ދިޔަ މީހަކު ހައްޔަރު ކުރަަން ފުލުހުން މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ މީހާ ހައްޔަރު ކޮށްގެން ގެންދިޔަ ސަބަބާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުުހުން ކުރީން ބުނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރާ ހުރެ މީހަކު އަޑުގަދަ ކުރާ ކަމުގެ ރިޕޯޓެއް 12:24 ގައި ފުލުހުންނަށް ލިބުނު ކަމަށެވެ.

މި މައްސަލައަ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެ މީހާ އެހެން މީހެއްގެ ސައިކަލު ފަހަތުގަައި މަޖީދީމަގުން ދަނިކޮށް ފެންނަ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

އެމީހާ ދޫކޮށްލީތޯ ސުވާލު ކުރުމުން ފުލުހުން މީޑިއާ އޮފިސަރު ދެންމެ އަވަސްއަށް ވިދާޅުވީ އޭނާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މީހާ ދޫކޮށްލީ ކީއްވެތޯ ސުވާލު ކުރުމުން އޮފިސަރު ވިދާޅުވީ އެއީ ނަފްސާނީ ބަލީގެ މީހެއް ކަމަށެވެ. އަދި ދޫކޮށްލީ މެޑިކަލް ރިޕޯޓްތަކަށް ބެލުމަށް ފަހު ކަމަށެވެ.

ހުކުރުގެ ޖަމާއަތް ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް އެމީހާ މިންބަރަށް އަރާ ވާހަކަ ދައްކަން ފެށި އެވެ.

ފުރަތަމަ އޭނާ ވާހަކަ ދައްކަން ފެށިއިރު މިސްކިތުގައި ތިބި މީހުން އަޅާ ނުލައިތިބީ އެވެ. މިސްކިތާއި ހަވާލުވެ ތިބި މީހުން ވަނީ މިންބަރުން ފޭބުމަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް އޭނާގެ ވާހަކަ ނުހުއްޓާ ކުރިއަށް ގެންދިއުމުން މިސްކިތުގައި ތިބި މީހުން ވަނީ އޭނާ އެތަނުން ބޭލުމަށް މަސައްކަތް ކޮށްފައެވެ. އޭރުވެސް އޭނާ ގެންދިޔައީ "ދައްޖާލު އެރުމާ" ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އަދި އޭނާއަކީ މޮޔައެއް ނޫން ކަމަށާ އޭނާ ދެނީ ހެޔޮ ނަސޭހަތް ކަމަށް ދިޔައީ ބުނަމުންނެވެ.