ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ފުރަތަމަ ފަހަރަށް މާލެ ގެނެސް ސެނެހިޔާގައި ފަރުވާ ދީފި

Jan 6, 2016
3

ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރި ފަހުން ފުރަތަމަ ފަހަރަށް މާލެ ގެނެސް ސިފައިންގެ ހޮސްޕިޓަލް، ސެނެހިޔާގައި ފަރުވާ ދޭން ފަށައިފި އެވެ.

އަސްކަރީ ހޮސްޕިޓަލްގައި އަދީބަށް ފަރުވާ ދިނުމަށް މާލެ ގެނައީ މިއަދު ހެނދުނު 9:15 އިގައެވެ. ސެނެހިޔާގައި އަދީބު ހޯއްދެވީ ލޮލުގެ ފަރުވާ އެކެވެ. އެ ހޮސްޕިޓަލްގެ ފަރުވާއަށް ފަހު އަދީބު ފުލުހުންގެ ޖިޕެއްގައި ނެރެގެން ގެންގޮސްފައި ވަނީ 10:45 އެހާކަން ހާއިރު އެވެ. ސެނަހިޔާ ހިމެނޭ މުޅި ސަރަހައްދު ފުލުހުން އޮތީ ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފަ އެވެ. އަދީބު ފުލުހުންގެ ޖިޕަށް އެރުވީ ވެސް އާންމުންނާ ނުފެންނާނެހެނެވެ. އަދި ފުލުހުންގެ ދެ ވެހިކަލެއް އައީ އަދީބު އިން ޖިޕަށް ސެކިއުރިޓީ ވެސް ދެމުންނެވެ.

މިއީ މިދިއަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔަ ފަހުން މާލެ ގެނައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަދީބުގެ އެކްސްރޭ އެއް ނަގަން ޖެހުމުން ދުނިދޫ އަށް ވަނީ އެކްސްރޭ މެޝިން ގެންގޮސްފަ އެވެ. އަދީބުގެ ބަންދުގެ މުއްދަތު ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އިތުރު ކުރީ ވެސް އަދި އަދީބުގެ މައްޗަށް ހިޔާނާތުގެ ދައުވާ ކޮށް ޝަރީއަތް ފެށީ ވެސް ދޫނިދޫގައި ކްރިމިނަލް ކޯޓުގައި ބްރާންޗެއް ހަދައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މިއީ ހައްޔަރު ކުރި ފަހުން އަދީބު މާލެ ގެނައި ފުރަތަމަ ފަހަރު އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ އަދީބު މާލެއަށް ގެނެސްގެން ޝަރީއަތްތައް ކުރިއަށް ގެންދާ ގޮތަށް ނިންމައިފަ އެވެ.

މިހާތަނަށް ދައުވާ ކުރަން ފޮނުވާފައިވާ ހުރި މައްސަލަތަކާއި ފުލުހުން ތަހުގީގު ކުރަން އަންނަ މައްސަލަތަކާ އެކު އަދީބުގެ މައްޗަށް ފެންމަތިވެފައި ހުރި މައްސަލަތަކުގެ އަދަދު 60 އަށް އަރަ އެވެ. ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލައިގައި އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ކުރުމަށް ފޮނުވާފައިވާ އިރު، ފުލުހުންނަށް ރިޝްވަތު ދިން މައްސަލައިގައި ވެސް ދައުވާ ކުރެ އެވެ. އަދި އެމްއެމްޕީއާރުސީ އިން އެކި ފަރާތްތަކަށް ދޫކުރި 25 ރަށެއްގެ މައްސަލައިގައި ވެސް އަދީބަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ލޯންޗްކޮޅުގައި ދިން ބޮމުގެ ހަމަލާގައި އަދީބުގެ މައްޗަށް ތުހުމަތު ކުރެ އެވެ.