ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ލިބޭ ގެއްލުންތަކާއެކު ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެ ކަމަށެވެ.
ރައީސް ނަޝީދު މި ޓްވީޓް ކުރައްވާފައިވަނީ ރާއްޖޭގެ އެކި ރަށްތަކަށް އުދަ އަރާ ލިބިފައިވާ ބޮޑެތި ގެއްލުންތައް އެނގޭ ގޮތަށް ނަގާފައިވާ ފޮޓޯތަކެއް ހިމަނައިގެންނެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް މޫސުމް ގޯސްވެ، އުދަ އެރުމުގެ ސަބަބުން 200 އެއްހާ ގެއަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ބައެއް ރަށްތަކުގެ އިންޖީނުގެތަކާއި، ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އަދި އެއާޕޯޓްތަކަށްވެސް ގެއްލުން ލިބިފައިވާ ކަން ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
"ގދ. މަޑަވެލީގެ 90 ޕަސަންޓް ގޭގައި ވަނީ ފެން ބޮޑުވެފައި،" ނަޝީދު ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދުނިޔެ ހޫނުވަމުންދާތީ ކުރިމަތިވާ މޫސުމީ މައްސަލަތަކާ އެކު ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށެވެ.
ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވުމުގައި ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޝަހްސިއްޔަތެކެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުގެ ވަރަށް ގިނަ ރަށްތަކަށް ވަނީ އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސިފައިންނާއި ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ދަނީ ލިބުނު ގެއްލުންތައް ބަލައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.