ރައީސް މުހައްމަދު ނަޝީދު

ކްލައިމެޓް ސަމިޓެއްގައި ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ

Jul 1, 2021
1

ބަންގްލަދޭޝް ސަރުކާރުން އިންތުޒާމްކުރާ "ވީ20 ކްލައިމެޓް ވަލްނަރަބަލްސް ފައިނޭންސް ސަމިޓު" ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބަންގްލަދޭޝް އިން އިއުލާނުކޮށްފި އެވެ.

ބަންގްލަދޭޝްގެ "ދި އިންޑެޕެންޑެންޓް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ބަންގްލަދޭޝް ސަރުކާރުން އިންތިޒާމުކުރާ މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިގްތިސާދަށް އެންމެ ބޮޑަށް އަސަރުކުރާނެ ގައުމުތަކުގެ އިސްވެރިންގެ މެދުގައި ބާއްވާ ފުރަތަމަ ސަމިޓެވެ. ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު ވާޗުއަލްކޮށެވެ.

މި ސަމިޓު އިފްތިތާހުކޮށްދެއްވާނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އެވެ. އެގައުމުގެ ފިނޭންސް މިނިސްޓަރު އޭއެޗްއެމް މުސްތަފާ ކަމާލް މިސަމިޓުގެ ވެރިންގެ ބައްދަލުވުމުގެ ޗެއާކަން ކުރައްވާއިރު ކޯޗެއާއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާނީ ރައީސް ނަޝީދު އެވެ.

ވީ20ގެ 48 މެމްބަރު ގައުމުގެ އެންމެ އިސްވެރިންގެ އިތުރުން އެގައުމުތަކުގެ ފިނޭންސް މިނިސްޓަރުން މި ސަމިޓުގައި ބައިވެރިވާނެ އެވެ. އަދި ޖީ7 އާއި ޖީ20 ގައުމުތަކުގެ މަންދޫބުންނާއި ބައިނަލްއަގްވާމީ މާލީ އަދި ތަރައްގީގެ ޖަމިއްޔާތައްވެސް މި ސަމިޓުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ހައެއް ފަހެއްގެ ހަމަލާއަށްފަހު ބައިނަލްއަގްވާމީ ސަމިޓެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ އިތުރު ފަރުވާއަށް ވަޑައިގެން ޖަރުމަނުގަ އެވެ.