ޝައިހް ހަސީނާ

ހަސީނާ އާކުރެއްވީ ޕާކިސްތާނުގެ އަނިޔާވެރިކަން

ބަންގްލަދޭޝްގެ ރައްޔިތުން މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އިން ކުރި އަނިޔާގެ ހަނދާންތައް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާކުރައްވައިފި އެވެ.

ޝައިހް ހަސީނާ އެ ހަނދާންތައް އާކުރައްވާ އެ ވާހަކަތައް ހިއްސާކުރެއްވީ އެކަަމަނާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ތަޅުމުގައި ކުރެއްވި ތަގުރީރުގަ އެވެ.

ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ކުރިން އޮތް ބަންގްލަދޭޝް، މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 1971 ވަނަ އަހަރު އެވެ.

ޝައިޚް ހަސީނާ އަކީ ބަންގްލަދޭޝްގެ ބާނީ އަދި އެ ގައުމުގެ ފުރަތަމަ ރައީސް އަދި ފަހުން އެގައުމުގެ ބޮޑުވަޒީރު ކަންވެސް ކުރެއްވެވި ބަންގަބަންދު ޝައިހް މުޖީބުއް ރަހްމާންގެ ދަރިކަނބަލެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޝައިހް ހަސީނާ ވިދާޅުވީ ބަންގަލްދޭޝްގެ ރައްޔިތުން މިނިވަންކަމާއި ހައްގުތައް ހޯދަން ކުރީ ފަސޭހަ ދަތުރެއް ނޫން ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ ބާނީ މުޖީބުއް ރަހްމާން ކުރެއްވި މަސައްކަތްތައް ޝައިހް ހަސީނާ ފާހަގަކުރެއްވެވި އެވެ.

ހަސީނާ ވިދާޅުވީ ބަންގްލަދޭޝް މިނިވަންވެ އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ވެގެންދިޔައީ އެކަމަނާގެ ބައްޕަގެ ހަޔާތުގެ ބޮޑުބައި އަދި ސިޔާސީ ކެރިއަރުގެ ވެސް ބޮޑު ބައި ޖަލުގައި ހޭދަކުރައްވައިގެން ކަމަށެވެ.

ޝައިހް މުޖީބުއް ރަހްމާން އެކި ފަހަރު މަތިން ހައްޔަރުކޮށް ޖުމްލަ 13 އަަހަރު ޖަލުގައި ގެންގުޅުއްވި އެވެ. އެމަނިކުފާނު ހައްޔަރުކޮށް ޖަލަށްލީ ގައުމަށް -- ޕާކިސްތާާނަށް ގައްދާރުވުމުގެ ކުށުގަ އެވެ. "އަގަރުތަލާ ކޮންސްޕިރަސީ ކޭސް"ގެ ނަމުގައި މަޝްހޫރުވި ހާދިސާގައި މުޖީބު ޖަލަށް ލެއްވީ އިންޑިއާގެ އެޖެންޓުންތަކަކާ ސީދާ އިންޑިއާގައި އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށް ތަހުމަތުކޮށްފަ އެވެ.

އެ ހާދިސާތަކުގެ ހަނދާންތައް އާކުރައްވަމުން ޝައިހް ހަސީނާ ވިދާޅުވީ އެކަމަނާގެ ބައްޕާފުޅަށް ކުރެވުނު ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

"ބަންގްލަދޭޝްގެ އެތައް ބަޔަކު ކުރި މުޒާހަރާތަކާ ގުޅިގެން ފަހުން ބައްޕަ ޖަލުން ދޫކޮށްލީ. މިއާއެކު ބައްޕަގެ ޕާޓީ، އަވާމީ ލީގު ޕާޓީން 1971 ވަނަ އަހަރު ޕާކިސްތާނުގެ އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯއްދެވި،" ޝައިހް ހަސީން ވިދާޅުވި އެވެ.

ޝައިހް ހަސީނާ ވިދާޅުވީ އަވާމީ ލީގުން އިންތިހާބު ކާމިޔާބުކުރި ނަމަވެސް ޕާކިސްތާނުގެ މިލިޓަރީ ސަރުކާރުން އެ ޕާޓީއަށް ވެރިކަން ހަވާލުނުކުރި ކަމަށާއި އެހެންވެ ބަންގަލްދޭޝްގެ މިނިވަން ކަމަށް ގޮވާލަން ޖެހުނީ ކަމަށެވެ. އެ ހަރަކާތާ އެކު ޕާކިސްތާނުގެ ސިފައިން ބަންގްލަދޭޝްގެ މީހުންނާ ދެކޮޅަށް ގަތުލު އާންމެއް ފެެއްޓީ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ބަންގްލަދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުން، ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކޮށް ފަހުން ބަންގަލްދޭޝްގެ ނަމުގައި އާ ގައުމެއް 1971 ވަނަ އަަހަރު އުފެއްދީ އެވެ.

"ބައްޕަގެ ގޮވާލެއްވުމަށް ބަންގްލަދޭޝްގެ ހުރިހާ އެންމެން ކަހަލަ ގޮތަަކަށް މިނިވަން ކަމަށް ނުކުތް. އަދި އެގޮތުގައި ތިބި ޑިސެމްބަރު 16، 1971 ވަނަ އަހަރު އަޅުގަނޑުމެންނަށް ނަސްރު ލިބެންދެން" ހަސީނާ ވިދާޅުވި އެވެ.

މުޖީބުއް ރަހްމާން، ބަންގްލަދޭޝްގެ މިނިވަން ދައުލަތް އިއުލާންކުރެއްވީ މާޗް 26، 1971 ގައެވެ. މިނިވަންކަން އިއުލާންކުރެއްވުމާ އެކު ޕާކިސްތާނުގެ ސިފައިން ވަނީ މުޖީބު ހައްޔަރުކޮށް، ޖަލަށް ލާފަ އެވެ. ޕާކިސްތާނުން މުޖީބު، ޖަލުން މިނިވަން ކުރީ ބަންގްލަދޭޝް މިނިވަންވެސްވި ފަހުން 1972 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ޝައިހް ހަސީނާ ވިދާޅުވީ މުޖީބުއް ރަހްމާން ވެރިކަމަށް ވަަޑައިގަތުމަށް ފަހު ތިން އަހަރު ތެރޭގައި ސުންނާފަތި ވެފައި އޮތް ގައުމު އެންމެ ކުޑަކޮށް ތަަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުވި ކަމަށެެެވެ. އަދި ތައުލީމާއި ދަނޑުވެރިކަމާއި ސިނާއީ ދާއިރާތައް ކޮޅަށް ޖެއްސެވި ކަމަށެވެ. އެހެންނަމަވެސް ދެން ވެސް ކުރިމަތިލާން ޖެހުނީ ބޮޑެތި ގޮންޖެހުންތަކަކާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޝައިހް މުޖީބުއް ރަހްމާނަށް ވެރިކަން ކުރެއްވުނީ މަދު ދުވަސްކޮޅަކު އެވެ. ބަންގްލަދޭޝްއަށް 1975 ވަނަ އަަހަރު ގެނައި އަސްކަރީ ބަޣާވާތެއްގައި އެމަނިކުފާނާއި އާއިލާގެ ގިނަ މެމްބަރުން ވަނީ އަވަހަރާކޮށްލާފަ އެވެ. މީގެ ތެރޭގައި ޝައިހް ހަސީނާގެ މަންމާފުޅާއި އެކަމަނާގެ ތިން ބޭބެ ވެސް ހިމެނެ އެެވެ.

"އެއް ދުވަހެއްގައި އަޅުގަނޑުގެ އާއިލާގެ 18 މެމްބަރުން އަވަހާރަކޮށްލި" ޝައިހް ހަސީނާ ކީރިތިކުރައްވަމުން ކަހަލަ ގޮތަަކަށް މަޖިލީހުގައި މިއަދު ވިދާޅުވި އެވެ.

ހަސީނާ އިތުރަށް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށެވެ. އަންހެނުން ބާރުވެރިކުރުވުމާއި ޕްރައިމަރީ ތަައުލީމާއި ސާފުތާހިރުކަމާއި ލިޔަންކިޔަން ދަންނަ ނިސްބަތްވެސް ބޮޑުތަނުން މިއަދު ކުރިއަރާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.