ޖުމްހޫރީ ޕާޓީ

ގެއްލުން ކުޑަކުރަން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފި

Jul 2, 2022

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ މިއީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެންމެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހުރިހާ ފަރާތްތަކަކުންވެސް އެއްބައިވަންތަކަމާއެކު ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު އަހުވާލު ބަލައި، ކަމާ ބެހޭ ފަރާތްތަކުން ކުރަމުން ގެންދާ އެންމެހައި ކަންކަމަށް ހިތްވަރުދީ، އެންމެން ގުޅިގެން މިވަގުތު މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ މޫސުން ގޯސްވެ ރާއްޖޭގެ ގިނަ ރަށްތަކަކަށް އިއްޔެއިން ފެށިގެން އަރަމުންދާ އުދައިގެ ސަބަބުން ރަށްތަކަށް ލިބެމުންދާ ބޮޑެތި ގެއްލުމާއި، ގޯތިގެދޮރަށާއި، ދަނޑުބިންތަކާއި، މުދަލަށް ލިބެމުންދާ ގެއްލުންތަކާއި، އުދައެރި ވަގުތު ފެންފުށިން ޒުވާނަކު ނިޔާވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެ އެންމެންނަށް ރައްކާތެރިކަން ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

"މިކާރިސާއާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ގޮތެއްގައި ކަމާ ބެހޭ ފަރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް މިޕާޓީން ޔަގީންކުރަމެވެ. އަދި މިވަގުތަކީ ހުރިހާ ފަރާތަކުންވެސް އެއްބައިވަންތަކަމާއެކު، ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު އަހުވާލު ބަލައި ކަމާ ބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާ އެންމެހައި ކަންކަމަށް ހިތްވަރުދީ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ހެއްދެވުމަށް މިޕާޓީން ގޮވާލަމެވެ." ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވެ އެވެ.

މިދުވަސްވަރަކީ ސްކޫލް ބަންދުވެ ޗުއްޓީގައި އެކި ދިމަދިމާލަށް ފުރަފުރައިގެން ދާން ގިނަ ބަޔަކު ބޭނުންވެފައިވާ ދުވަސްވަރަކަށް ވާތީ ދަތުރުވެރިންނާއި އުޅަނދުތަކުން މޫސުމާ ބެހޭ އިދާރާތަކާ އެންމެހާ މުއައްސަސާތަކުން އަންގާ އެންގުންތަކާއި ކުރާ އިލްތިމާސްތަކަށް ބޯލަނބައި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމްތައް ހަމަޖައްސަމުން ގެންދިއުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.

"އަދި އެއީ އެންމެ ރަށްކާތެރި ގޮތަކަށް ވީހިނދު އެންމެހާ ރައްޔިތުން އެބީދާއިން އަމަލުކުރެއްވުމަށް ވެސް މިޕާޓީން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކުގެ ވަރަށް ގިނަ ރަށްތަކަށް ވަނީ އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސިފައިންނާއި ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ދަނީ ލިބުނު ގެއްލުންތައް ބަލައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.