މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުންކުރަން އެއްބަސްވުމުގައި ސޮއިކުރަނީ

Jul 2, 2022

ދިވެހި ސަރުކާރުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހެދުމަށް ކަމާ ގުޅޭ އެއްބަސްވުމުގައި އަންނަ މަހު ސޮއިކުރުމަށް ނިންމައިފި އެވެ.

ދެ ގައުމުގެ ސަރުކާރުން މިކަމަށް އެއްބަސްވީ އދގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޯންގްއާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ދޫކުރާ ލައިސަންސެއް ނެތް ނަމަ ވަކި ކަހަލަ އުޅަނދުތަކެއް މެލޭޝިއާގައި ދުއްވުމުގެ ހުއްދަ ލިބޭނެ އެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ތަމްރީންގެ ފުރުސަތުތަަކާއި ގާބިލްކަން އިތުރުކުރުމުގެ ފުރުސަތުތަކާއި އަދި މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

ދިވެހި ސަރުކާރުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހެދުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

އދގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގައި މިނިސްޓަރު ނަހްލާ ކުރެއްވި ތަގުރީރުގައި ވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ އެކްސިޑެންޓްތަކުގެ އަދަދު 2030 ވަނަ އަހަރުގެ ނިޔަލަށް 50 ޕަސަންޓަށް ދަށްކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.