ބޮލީވުޑް

އަބަދުވެސް ނުބައިބައި ރޯލު ކުޅެން ބޭނުންވޭ: ރަންބީރު

ރަންބީރު ކަޕޫރުގެ އާ ފިލްމު "ޝަމްޝޭރާ"ގައި އޭނާ ކުޅެނީ ވަރަށް ވަރުގަދަ ހީރޯ ރޯލެކެވެ.

މި ފިލްމުގައި ނުބައިބައި ކުޅެނީ ސަންޖޭ ދަތެވެ. ނަމަވެސް ސަންޖޭގެ ރޯލު ހަގީގަތުގައި އޭނާއަށް ވުރެ ކުޅެން ބޭނުންވީ ރަންބީރެވެ. ފިލްމު އުފެއްދި ފަރާތުން ރަންބީރު ބޭނުންވި ގޮތަށް އެ ރޯލު އޭނާއަށް ނުދިނީ އެވެ.

ރަންބީރު ބުނި ގޮތުގައި ހިންދީ ސިނަމާގެ "ބޭޑް ބޯއީޒް"އަށް އޭނާގެ ހިތުގައި އަބަދުވެސް ވަރަށް ބޮޑު ލޯތްބެއް އޮވެ އެވެ. އަދި ވަރުގަދަ ނެގެޓިވް ރޯލުތައް ކޮންމެވެސް ދުވަހަކުން ކުޅުމަކީ ރަންބީރު ދެކެމުން އަންނަ ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ.

"ޝޯލޭ"ގައި އަމްޖަދު ޚާން ކުޅުނު ގައްބަރް ސިންގްގެ ކެރެކްޓާ، "މިސްޓަ އިންޑިއާ"ގައި އަމްރިޝް ޕޫރީ ކުޅުނު "މޮގެމްބޯ'ގެ ކެރެކްޓާ، "އަގްނީޕަތު"ގައި ސަންޖޭ ދަތު ކުޅުނު ކަންޗާ ޗީނާގެ ކެރެކްޓާ، "ޕަދްމާވަތު"ގައި ރަންވީރު ސިންގް ކުޅުނު އަލާއުއްދީން ޚިލްޖީގެ ކެރެކްޓާ އަދި "ޑަރް"ގައި ޝާހް ރުކް ޚާން ކުޅުނު ކެރެކްޓާ އަކީ އޭނާއަށް އެންމެ މަގްބޫލު ނެގެޓިވް ކެރެކްޓާތައް ކަމަށް ވެސް ރަންބީރު ބުންޏެވެ.

"އަހަރެން ބޭނުންވަނީ މީހުން ދުވަހަކުވެސް ހަނދާން ނުނެތޭ ވަރުގެ ނުބައި މީހެއްގެ ރޯލު ކުޅެން. މައިން އެމީހުންގެ ދަރިން ނުނިދައިގެން އުޅޭ އިރު އަވަހަށް ނިދާށޭ ނޫނީ ރަންބީރު އަތުވެދާނޭ ކިޔާ މިސާލު ޖަހާލެވޭ ވަރުގެ ކެރެކްޓާ ކުޅެން،" ރަންބީރު ބުންޏެވެ.