ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގޯގޯ ލަތީފް އާއިލާއަށް ދެ ރައީސުންގެ ތައުޒިޔާ

Jul 3, 2022

އެމްޑީޕީގެ އެއް ބާނީ މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހާރަވުމާ ގުޅިގެން ދެ ރައީސުން ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ގޯގޯ ލަތީފް މިއަދު ފަތިހުގެ ވަގުތެއްގައި އަވަހާރަވީ ވަރަށް ގިނަ ދުވަހު ބޮޑު ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެއް ބާނީ އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި މުހައްމަދު ލަތީފް އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާ އެކު ކަމަށެވެ.

"މަރްހޫމަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން،" ރައީސް ސޯލިހްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހައްމަދު ލަތީފަކީ އެމަނިކުފާނުގެ ހަޔާތުގައި ދިމާވި ވަރަށް ހިތްހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި އެހާމެ ހިތްވަރު ގަދަ ބޭފުޅެއް ކަމަށެވެ. ލަތީފަކީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއްވެވި ބައިވެރިއެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މާތްﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން،" ރައީސް ނަޝީދުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ގޯގޯ ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ ފައުންޑާ މެމްބަރު މުހައްމަދު ލަތީފަކީ އެމްޑީޕީ ވުޖޫދަށް ގެނެސް ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ އަދި އަގުނުކުރެވޭ ގުރުބާނީ ތަކެއް ވެފައިވާ ހިތްވަރު ގަދަ ދިވެހި ދަރިއެއް ކަމަށެވެ.