މާލޭގެ އޯޑިއޯން ހުރި ބިމުގައި "ލަގްޒަވަން - އޯޑިއޯން"ގެ ނަމުގައި ޓާޓާ ކުންފުނިން ހަދަމުންދާ އެޕާޓްމަންޓް އިމާރާތުން އެޕާޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެއް ކޮޓަރި އާއި ތިން ކޮޓަރި އަދި 3+1 ކޮޓަރީގެ އެޕާޓްމަންޓް ހުންނަ އިމާރާތުން އެޕާޓްމަންޓް ވިއްކަން ނިންމާފައިވަނީ ދެ މިލިއަން ރުފިޔާ އާއި 5.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކުގަ އެވެ.
އެޕާޓްމަންޓްތަކަށް ބުކިން ފީގެ ގޮތުގައި އެއްލައްކަ ރުފިޔާ ދައްކަންޖެހޭއިރު އެޕާޓްމަންޓުގެ އަގު އެއްކޮށް ދައްކަންޖެހެނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. އެކަމަކު އެޕާޓްމަންޓް ހަވާލުކުރުމާ އެކު ފަހު ޕޭމަންޓް ދައްކަންޖެހެ އެވެ.
އޯޑިއޯން ބިމުގައި އަޅާ އެޕާޓްމަންޓް އިމާރާތް އެޅުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ. އެކުންފުނިން މިދިޔަ މެއި މަހުގެ ތެރޭގައި މަސައްކަތް ފަށާފައިވާއިރު އެ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 10 ފަންގިފިލާގެ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް އެކެވެ.
އޯޑިއޯން އެޕާޓްމަންޓްގެ އަގުތައް
- އެއް ކޮޓަރީގެ އެޕާޓްމަންޓް ފެށޭ އަގު ދެ މިލިއަން ރުފިޔާ | ބޮޑުމިން - 415 އަކަފޫޓް
- ތިން ކޮޓަރީގެ އެޕާޓްމަންޓް ފެށޭ އަގު 4.7 މިލިއަން ރުފިޔާ | ބޮޑުމިން - 982 އަކަފޫޓް
- ތިން ކޮޓަރީގެ އެޕާޓްމަންޓް ފެށޭ އަގު ފަސް މިލިއަން ރުފިޔާ | ބޮޑުމިން - 1،048 އަކަފޫޓް
- 3+1 ކޮޓަރީގެ އެޕާޓްމަންޓް ފެށޭ އަގު 5.7 މިލިއަން ރުފިޔާ | ބޮޑުމިން - 1،142 އަކަފޫޓް
ޓާޓާ ކުންފުނިން ބުނި ގޮތުގައި އޯޑިއޯން ބިމުގައި ހަދާ އެޕާޓްމަންޓްތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ 2025 ވަނަ އަހަރު އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރު މާލޭގެ ހަތަރު ސަރަހައްދެއްގައި އެޕާޓްމަންޓް ކޮމްޕްލެކްސް ހަދަން ބިން ދޫކޮށްފައިވެ އެވެ. މިހާތަނަށް މަސައްކަތް ނިންމާ މީހުން ދިރިއުޅެނީ އަރަބިއްޔާ ކުރިން ހިންގި ބިމާއި ގާކޮށީގައި ހަދާފައިވާ އެޕާޓްމަންޓްތަކުގަ އެވެ. އޯޑިއޯންގެ އިތުރުން އެޕާޓްމަންޓް ކޮމްޕްލެކްސް އަޅަން ދެން ދީފައިވަނީ ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހިންގި ބިމެވެ. ނާދީ ބިމުގައި އެޕާޓްމަންޓް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.