ހިޔާ މަޝްރޫއު

ހިޔާ ފްލެޓް ގެއްލުނު މީހުންގެ ދަފްތަރެއް ހަދަނީ

Jul 4, 2022

ހިޔާ ފްލެޓް ލިބޭ މީހުންގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައެޅި ލިސްޓްގައި ހިމަނާފައި ވަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވާލި ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރި މީހުންގެ ދަފްތަރެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަސައްކަތް ކުރަމުންދަނީ ހިޔާ ފްލެޓްތަކާ ގުޅުންހުރި މައްސަލަތަކުގައި މަސައްކަތް ކުރާ އާންމު އެކުވެރި ގުޅުން (ކޮތަރުކޮށި)ގެ ފަރާތުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ އެތަނުގައި 7،000 ފްލެޓް އެޅުމަށްފަހު އެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް އެ ވެރިކަމުގައި އެކުލަވާލި އެވެ. ނަމަވެސް ފްލެޓްތައް ހަވާލުކުރުމުގެ ފުރުސަތު ލިބިވަޑައިނުގެން ޔާމީންގެ ވެރިކަން ބަދަލުވީ އެވެ.

އޭގެފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހިޔާ ފްލެޓް ލިބުނު މީހުންގެ ލިސްޓް ދިރާސާކޮށް އަލުން އާ ލިސްޓެއް އެކުލަވާލެއްވި އެވެ. ފަހުން ލިސްޓް އެކުލަވާލެއްވިއިރު ބައެއް ކެޓަގަރީތަކުން ފްލެޓް މަދުކޮށް އުސޫލަށް ވެސް ބަދަލުތަކެއް ރައީސް ސޯލިހްގެ ސަރުކާރުން ގެނެސްފައިވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެޅި 7،000 ފްލެޓް އެކީގައި އާންމުންނަށް ދޫކޮށްލަން ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް މި ސަރުކާރުން ނިންމީ 6،720 ފްލެޓް އާންމުންނަށް ދޫކުރުމަށެވެ. ބާކީ ހުރި ފްލެޓްތަކަކީ ހިޔާ ޓަވަރުތަކުގެ އެންމެ ތިރީ ބުރިތަކުގައި ހުރި ފްލެޓްތަކެވެ. އެތަންތަން ސަރުކާރުން ވަނީ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށް ނިންމާފަ އެވެ.

މިކަމާ ގުޅިގެން ކޮތަރުކޮށި ޖަމިއްޔާ އިން ބުނީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ފްލެޓް އަތުލި މީހުންގެ އަދަދުތައް 3،000 އިން މައްޗަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެންމެ ގިނަ ފްލެޓް އަތުލީ މާލޭގެ ދަފްތަރު ކެޓަގަރީގައި ތިބި މީހުންގެ އަތުން ކަމަށާއި އަދި ގިނަ ބަޔަކަށް ފްލެޓް ގެއްލުނީ ކޮމާޝަލް ބޭނުންތަކަށް ސަރުކާރުން 280 ފްލެޓް ނެގުމުން ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.

ކޮތަރުކޮށި ޖަމިއްޔާ އިން އިތުރަށް ބުނީ ފްލެޓް ގެއްލުނު މީހުންނަށް ފްލެޓް ގެއްލުނު ސަބަބު ބަލައި ސަރުކާރާ މަޝްވަރާކޮށްގެން އެމީހުންނަށް ގޮތްތަކެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ތެރެއިން ގިނަ ފްލެޓްތަކުގައި މިހާރު އާންމުން އުޅެން ފަށާފައިވީ ނަމަވެސް ބައެއް ސަބަބުތަކާ ގުޅިގެން އަދިވެސް މީހުން ދިރިއުޅެން ނުފަށާ ހުރި ފްލެޓްތައް އެބަހުއްޓެވެ.