ރައީސް އޮފީސް

އެއްވެސް ޓެކްސްއެއް ބޮޑުކުރަން އަދި ނިންމާފައެއް ނެތް: ސަރުކާރު

Jul 4, 2022
2

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އާމްދަނީ ހޯދާނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި ނަމަވެސް ވަކި ކަހަލަ ޓެކްސްތަކެއް ބޮޑުކުރަން އަމާޒުކޮށްގެން އަދި އެއްވެސް ގޮތްތަކެއް ނިންމާފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައި މިވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން އިއްޔެ މީޑިއާގައި ވިދާޅުވެފައި ވަނިކޮށެވެ.

ޖީއެސްޓީއަކީ އާންމުންނަށް ވިއްކާ އަސާސީ މުދަލުން ނަގާ ޓެކްހެވެ. ޓީޖީއެސްޓީ އަކީ ޓޫރިސްޓުންނަށް ވިއްކާ އަދި ޓޫރިސްޓުން ހޯދާ ހިދުމަތްތަކުން ނަގާ ޓެކްހެވެ.

މަޝްވަރާތަކުގައި ބައިވެރިވި ބޭފުޅަކު އިއްޔެ އަވަސް އަށް ވިދާޅުވީ ސަރުކާރުން ހުށަހެޅީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން ފަތުރުވެރިން ރާއްޖެ އަންނަނީ ވަރަށް ދުރާލާ ބުކިންގްސް ހައްދައިގެން ކަމަށް. އެހެންވީމާ އެކަށީގެންވާ ވަގުތު ދީފައި ނޫނީ މިކަހަލަ ބަދަލެއް ނުގެނައުމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުށަހެޅުން އަންނަ އަހަރު ކުރީކޮޅު ތަންފީޒު ކޮށްފިނަމަ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުންތަކެއް ހުންނާނެ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތުތައް އެއްކުރަމުންދާ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އާމްދަނީ ހޯދާނެ ގޮތްތަކެއް ހޯދަން ސަރުކާރުން އެކި ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވި ނަމަވެސް ސީދާ ވަކި ކަހަލަ ޓެކްސްތަކެއް ބޮޑުކުރުމަށް އަދި އެއްވެސް ނިންމުމެއް ނުނިންމާ ކަމަށެވެ. ޓެކްސް ނިޒާމަށް ބަދަލެއް ގެންނަނަމަ އެކަން ކުރާނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއްގެ ހިޔާލު ހޯދައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ކުއްލި އަކަށް ވަކި ކަހަލަ ޓެކްސްއެއް ބޮޑުކުރީމާ ވެދާނެ ގޮތް އަޅުގަނޑުމެންނަށްވެސް އެނގޭ. އެހެންވީމާ އަދި އެއްވެސް ވަރަކަށް ނެތް ވަކި ކަހަލަ ޓެކްސްއެއް ބޮޑުކޮށް އަދި ކުޑަކުރާކަށް ނިންމާފައެއް. އެކަމަކު އާމްދަނީ އިތުރުކުރަންޖެހޭތީ އެކަން ކުރެވޭނެ ގޮތްތައް ހޯދަން ފުޅާދާއިރާއެއްގައި މަޝްވަރާކުރާނަން،" ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލް ވިދާޅުވި އެވެ.

އެތައް ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނެއް ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. އޭރު ޓީޖީއެސްޓީގެ ގޮތުގައި 3.5 ޕަސަންޓް ނެގި ނަމަވެސް އެންމެ ފަހުން 2014 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓީޖީއެސްޓީގެ ގޮތުގައި މިހާރު 12 ޕަސަންޓް ނަގަ އެވެ.