ބޮލީވުޑް

ސަނާ ފިރިމިހާއާ އެކު ހައްޖަށް

ކުރީގެ ޓީވީ ތަރި ސަނާ ޚާން އޭނާގެ ފިރިމީހާ އަނަސް ސައްޔާދު އާއެކު ހައްޖުގެ މާތް އަޅުކަމަށް މައްކާއަށް ފުރައިފި އެވެ.

ސަނާ އާއި އޭނާގެ ފިރިމީހާ ހައްޖަށް ފުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ޝެއާކުރި ވީޑިއޯއެއްގައި ސަނާ ބުނީ ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުސަތަށް އެދި އޭނާ ދުއާކުރާތާ އެތައް ދުވަހެއް ފަހުން ﷲ އޭނާގެ ދުޢާ އިޖާބަ ކޮށްދެއްވައިފި ކަމަށެވެ.

މިދިޔަ އެޕްރީލް މަހު ސަނާ ވަނީ އުމުރާ ދަތުރެއްވެސް ކޮށްފަ އެވެ. އެ ދުވަސްވަރު ޓީވީ ތަރިން ކަމަށްވާ ގޯހަރް ޚާން އާއި އޭނާގެ ފިރިމީހާ ޒައިދު ދަރްބާރް ވެސް އުމުރާގެ އަޅުކަން ފުރިހަމަ ކޮށްފައިވެ އެވެ.

ސަނާ ޓީވީގެ ދުނިޔޭގައި މަޝްހޫރުވީ "ބިގް ބޮސް" ގައި ބައިވެރިވެގެންނެވެ. އޭގެ ފަހުން ބައެއް ޓީވީ ޕްރޮގްރާމްތަކާއި ޝޯ ތަކުގައި އަދި މިއުޒިކް ވީޑިއޯތަކުގައި ވެސް ބައިވެރިވެފައި ވެއެވެ.

ސަނާ ފިލްމީ ދުނިޔެއަށް ނުކުތީ 2005 ގައި ރިލީޒްކުރި "ޔޭ ހޭ ހައި ސޮސައިޓީ" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން ތަމަޅަ، ތެލުގޫ އަދި ހިންދީ ބައެއް ފިލްމުތައް ވެސް ކުޅެފައި ވެއެވެ.

އޭނާ މުނިފޫހިފިލުވުމުގެ ދުނިޔެއަށް އަލްވަދާއު ކިޔައި ﷲގެ މަގުގައި ކުރިއަށް ދާން ނިންމިކަން އިއުލާން ކުރީ 2020ގެ އޮކްޓޯބަރު މަހު އެވެ. އަދި އެ އަހަރުގެ ނޮވެމްބަރުގައި އޭނާ ވަނީ ދީނީ އިލްމުވެރިޔެއް ކަމަށްވާ މުފްތީ އަނަސް ސައްޔާދްއާ ކައިވެނިކޮށްފަ އެވެ. އޭގެ ފަހުން އެއްގޮތަކަށް ވެސް އޭނާ ޓީވީއަކުން އަދި ފިލްމަކުން ނުފެނެ އެވެ.