ރައްޔިތުންގެ މަޖިލިސް

މާލޭ މީހުންނަށް ހިލޭ ގޯތިދޭ މައްސަލަ މަޖިލީހަށް

Jul 5, 2022
7

ހާލަތުގެ ގޮތުން މާލޭގެ ރައްޔިތުންނަށް ހިލޭ މިވަގުތު ގޯތި ދޫކުރުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ.

ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރަން ނިންމާ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އިން 1،000 ގޯތި އަދި ގުޅިފަޅުން 2،000 ގޯއްޗެވެ. އަދި ގިރާވަރު ފަޅު ހިއްކާ ނިމުމުން އެތަނުން ވެސް 2،000 ގޯތި ދޫކުރުމަށް ނިންމާފައިވެ އެވެ.

މޫސާ ސިރާޖު މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ހިޔާ ފްލެޓް ދޫކުރިއިރު "އެޗް8" ކެޓަގަރީން މާލޭ ރަށްވެހިންނަށް އަދި "އެޗް9" ކެޓަގަރީން މާލޭ ދަފްތަރުގައި ތިބި މީހުންނަށް ފްލެޓް ދިނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ. އަދި މާލެ މީހުންނަށް ހާއްސަކޮށްގެން އެޗްޑީސީން ހުޅުމާލެ އިން 60 ބިން ވިއްކީ 7،000 ރުފިޔާ އިން މަތީގެ އަގެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެ ބިން ތަކަށްވެސް މާލޭ މީހުންގެ ޑިމާންޑް އޮތް ކަމަށް ފާހަގަަކުރައްވާފައިވެ އެވެ.

ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާ އިން މައްޗަށް ގޮސް ދަރަނި ނުދެއްކި ދާނެ ކަމަށް ބެލެވޭއިރު މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތައް ވިއްކައިފިނަމަ ހަމައެކަނި އެ ގޯތި ތަކުން ވެސް ދައުލަތަށް 48 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ގޯތިތައް ވިއްކައިގެން ދައުލަތަށް ލިބޭ އާމްދަނީގެ އަދަދަކީ ކޮބައިތޯ ބެލުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

ސަރުކާރުން މާލޭ މީހުންނަށް ދޫކުރާ ބިމުގެ އާންމު ބޮޑުމިނަކީ 1،225 އަކަފޫޓުގެ ގޯއްޗެވެ. އެކަމަކު ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ ގޮތެއްވެސް ހަމަޖެހިފައިވެ އެވެ. ނަމަވެސް އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓެވެ.

މޫސާ ސިރާޖުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ މާލެ ސަރަހައްދުން މީގެކުރިން ގޯއްޗާއި ފްލެޓް ދޫކޮށްފައި ހުރި ގޮތުން މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯތިތައް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.