ޖޭއެސްސީ

މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި

Jul 5, 2022

ހަ ރަށަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކޮށްފައިވާ އިއުލާންގައި އެ މަގާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

މެޖިސްޓްރޭޓުން ހޯދަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ށ. ކޮމަންޑޫ، ބ. ދަރަވަންދޫ، ފ. ފީއަލި، ދ. ކުޑަހުވަދޫ އަދި ގދ. ފަރެސްމާތޮޑާ އަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރަށްތަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރީ މިިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އޭރު ކުރިމަތިލުމަށް ހުޅުވާލީ މިއަދު މެންދުރު 12:00 ޖެހުމާ ހަމައަށެވެ. ނަމަވެސް މިއަދު ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ސުންގަޑި އިތުރުކޮށްފަ އެވެ.

މެޖިސްޓްރޭޓުންނަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 18،850 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 600 ރުފިޔާ ލިބެ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯން އެލަވަންސާއި އަދި މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.