ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލައި ޖޭއެސްސީން އަޅާ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް އިސްތިއުނާފް ކުރަން އޮންނަ ހަމައެކަނި މަޖިލީހެވެ. އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ތިއްބަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހުތާޒް ފަހުމީ އެވެ.
ޖޭއެސްސީން ސިޔާމާ އަށް ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލުމަށް ކުރި އަމުރަކާ ގުޅިގެންނެވެ.
ޖޭއެސްސީން ބުނި ގޮތުގައި ބަންދުގައި ހުރި މީހަކު ދޫކޮށްލުމަށް ސިޔާމާ އަމުރު ނެރުއްވީ އެފަރާތުގެ "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށް ކަނޑައެޅުމަށްފަހު ކަމަށެވެ. ނަމަވެސް އެގޮތަށް އަމުރު ނެރުއްވީ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ހުރި ކަމަށް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔެކިޔުމުގައި ފާހަގަކޮށްފައި ވަނިކޮށް ކަމަށް ކޮމިޝަނުން ބުނެ އެވެ.
ޖޭއެސްސީން ބުނީ އަމުރު ނެރުއްވުމުގައި ސިޔާމާ އަމަލުކުރެއްވީ މައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ބެއްލެވުމެއް ނެތި ހަގީގަތާ ހިލާފަށް ކަމަށް އެނގޭ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީއަތުގެ މަޖިލީހުގައި އިއުލާން ކުރެއްވިއިރު އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިއާޔަތް ކުރިކަން އަމުރުގައި ފާހަގަކޮށްފައި ނުވާ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.
"މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ތަހުގީގަށް ސާބިތުވޭ،" ޖޭއެސްސީން ނެރެފައިވާ ބަޔާނުގައިވެ އެވެ.
ސިޔާމާގެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފް އަމަލެއް ކަމުގައި ކަނޑައަޅައި ޖޭއެސްސީން ނިންމީ އޭނާއަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށެވެ. ޖޭއެސްސީން އެގޮތަށް ނިންމީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ޖޭއެސްސީގެ ނިންމުން ދިރާސާކުރުމަށްފަހު އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނެފައިވަނީ އިސް މެޖިސްޓްރޭޓް ސިޔާމާ ފަނޑިޔާރުންގެ ސުލޫކާ ހިލާފް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ. ފަނޑިޔާރެެއްގެ ނިންމުން ގޯސް ކަމަށް ބެލެވޭނަމަ މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި އެ މަރުހަލާ ކުރިއަށް ގެންގޮސްފައި ނެތް ކަމަށެވެ. އަދި ފަނޑިޔާރަކު ސުލޫކީ މިންގަނޑާ ހިލާފުވީ ކަމަށް ނިންމޭނީ ބޭރު ފުށުން ފެންނަ ގޮތަށް އެފަދަ އަމަލެއް ކުރެއްވުމުން ކަމަށްވެސް ބުނެފައިވެ އެވެ.
ޖޭއެސްސީގެ ނިންމުމެއް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ގޯސްކޮށް ކަމަށް ކަނޑައެޅި މިއީ އަދި ފުރަތަމަ ފަހަރެވެ.