ބާ ކައުންސިލް

ނާޒިމްގެ ހުއްދަ ހިފަހައްޓަން އެދިއްޖެ

ގާނޫނީ ވަކީލް، ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ބަލާ ނިމެންދެން އޭނާއަށް ދޫކޮށްފައިވާ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓައި ދިނުމަށް އެދި ބާ ކައުންސިލަށް މައްސަލަ ހުށައަޅައިފި އެވެ.

މި މައްސަލަ ބާ ކައުންސިލަށް ހުށައެޅީ ގާނޫނީ އަހުމަދު ތާލިބް އެވެ. ތާލިބް މިއަދު އަވަސް އަށް ވިދާޅުވީ ނާޒިމްގެ މައްޗަށް ކުރެވިފައިވަނީ ވަރަށް ބޮޑު ތުހުމަތެއް ކަމަށާ އެހެން ކަމުން އެ މައްސަލަ ބަލާ ނިމެންދެން ނުވަތަ ޕީޖީން ވަކި ގޮތެއް ކަނޑައަޅަން ދެން ނާޒިމްއަށް ދީފައިވާ ވަކީލުކަން ކުރުމުގެ ހުއްދަ ހިފަހައްޓަން ޖެހޭ ކަމަށެވެ.

އެއީ ވަކީލުންނަށް އޮތް އިތުބާރު ދަމަހައްޓާ އަދި ބާ ކައުންސިލަށް ރައްޔިތުންގެ އޮންނަން ޖެހޭ އިތުބާރު ހިފެހެއްޓުމަށްވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ތާލިބް ވިދާޅުވިއެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރީން، ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ކަމަށް ބުނާ މީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގެ މައްސަލަ ފުލުުހުން ދަނީ ބަލަމުންނެވެ. ފުލުހަށް ހާޒިރުކޮށް ނާޒިމްއާ ވަނީ ސުވާލުވެސް ކޮށްފައެވެ. އަދި މައްސަލަ ބަލާ ނިމެންދެން ފުރުން މަނާކޮށް ޕާސްޕޯޓްވެސް އޮތީ ހިފަހައްޓާފައެވެ.