ފަރެސް މާތޮޑާ

އިންޑިއާގެ އެހީގައި ހެދި "ހެރަގަ ޕާކް" ހުޅުވައިފި

Jul 6, 2022
2

އިންޑިއާ ސަރުކާރުގެ އެހީގައި ގދ.ފަ ރެސްމާތޮޑާގައި ހެދި "ހެރަހަގަ ޕާކް" ހުޅުވައިފި އެވެ.

"ހެރަހަގަ ޕާކް" ހުޅުވައިދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރު އާއި މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްރަކްޗާ މުހައްމަދު އަސްލަމް އެވެ.

އާންމުންނަށް ހުޅުވާލެވިފައިވުމުން އާންމު އެއްވުންތަކާއި އިވެންޓްތައް ބޭއްވުމަށް ރައްޔިތުންނަށް ބޭނުންކުރެވިދާނެ ފަދަ ތަނެއްގެގޮތުގައި މި ޕާކް ވެގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ. އަދި ދުޅަހެޔޮކަމާއި އައުޓްޑޯ ހަރަކާތްތަކަށް މަގުފަހިކޮށްދޭނެ ތަނެއް ކަމުގައި ވާނެ އެވެ.

މިއީ އިންޑިއާއިން ފޯރުކޮށްދީފައިވާ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެދަށުން ހިންގުމަށް ހަމަޖެހިފައިވާ 45 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ މައްޗަށް ބިނާވެފައިވާ މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި ތައުލީމީ ދާއިރާ އަދި މަސްވެރިކަމާއި ސިއްހީ ދާއިރާގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ތަރައްގީ އަދި ދަނޑުވެރިކަމުގެ ދާއިރާވެސް ހިމެނެއެވެ. މި ޕްރޮޖެކްޓްތަކުގެ ދެބައިކުޅަ އެއްބައި މިހާރުވަނީ ނިމިފައިއެވެ.

އިންޑިއާއިން ދިވެހިރާއްޖޭގައި ހިލޭ އެހީގެ ގޮތުގައި ހިންގޭ މިފަދަ މަަސައްކަތްތައް ބިނާ ވެފައިވަނީ އެ މުޖްތަމައުއަކަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމުގެ މައްޗަށް ބަލާ އުމްރާނީ ތަރައްގީ ބިނާ ކުރުމަށް ކަމަށް އެ ގައުމުން ބުނެއެވެ. އަދި މި މަސައްކަތްތައް ހަމަޖައްސަނީ ދިވެހި ސަރުކާރުން ތަރައްގީގެ އިސްކަންދީފައިވާ ގޮތުގެ މައްޗައް ބަލާފައެވެ. މިގޮތުން މި މަސައްކަތްތައް ހިންގުމަށް ހަވާލު ކުރެވިފައިވަނީ ލޯކަލް ކައުންސިލްތަކާއި ކަމާއި ބެހޭ މިނިސްޓްރީތަކަށެވެ.

ދިވެހި ސަރުކާރާއެެކު ރާއްޖޭގެ ރަށްރަށުގައި އިޖްތިމާއީ ގޮތުން ފައިދާކުރަނިވި މިފަދަ މަަސައްކަތްތައް ހިންގުމަށް ބައިވެރިވުމަކީ އިންޑިއާއަށް ލިބޭ ފަހުރެއް ކަމަށް ހައިކޮމިޝަނުން ބުންޏެވެ.