ކުޅުދުއްފުށި

ކުޅުދުއްފުށީ ރޯހައުސްތަކުގެ ގުރު އަލުން ނަގަން އޭސީސީން އަންގައިފި

ހދ. ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތްކުރި ރޯހައުސްތައް ލިބޭ ފަރާތްތަކުގެ ގުރުއަތު އަލުން ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެރަށު ކައުންސިލަށް އަންގައިފި އެވެ.

އޭސީސީން ބުނީ އެރަށުގައި އިމާރާތްކޮށްފައި ހުރި ރޯހައުސްތަކުގެ ތެރެއިން ގުރުއަތަކާ ނުލައި ލިބޭ ފަރާތްތަކަށް ދިނުމަށް ފަހު ބާކީ ހުރި 22 ރޯހައުސް ދިނުމުގައި އުސޫލާ ހިލާފްވެފައިވާތީ އަލުން ގުރުއަތުލާން އަންގާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ރޯހައުސް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ރޯހައުސް ދޫކުރަނީ 30 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ކަމަށެވެ. އަދި 25 ޕޮއިންޓް ލިބުނު 71 ފަރާތް ތިބުމުން ފޯމްގައި ބަޔާންކޮށްފައިވާ އުސޫލުން ގުރުއަތުލާން ޖެހޭނީ އެފަރާތްތަކުގެ މެދުގައި ކަމަށް ވިޔަސް ކުޅުދުއްފުށި ކައުންސިލުން ގުރުއަތު ނެގުމުގައި 22 ޕޮއިންޓް ލިބުނު މީހުންވެސް ބައިވެރިކުރި ކަމަށެވެ.